ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި 85 ރަށެއް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހެދުމަކީ އަމާޒެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގައި މެމްބަރުން އަމާޒު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ ބާރު ސްޕީޑުގައި މަސައްކަތް ކޮށް ނުނިމި ހުރި ތަންތަނުގެ މަސައްކަތް ނިންމާލުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

މިހާރު ފަތުރުވެރިކަމާ ބެހޭ ގާނޫނު އޮތް ގޮތުން ކަނޑައަޅާ މުއްދަތުގައި މަސައްކަތް ނުނިމޭ ރިސޯޓްތަކުގެ އެއްބަސްވުން ބާތިލްވާނެ ކަމަށާއި އެކަމާ މެދު ވަޒީރަށް ކޮށްދެވޭނެ އިތުރު ކަމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"85 ރަށް ނުހެދި ވޭ. މި ވަރަށް ގިނަ ރަށްތަކެއް. ރަށޭ ދެންނެވިޔަސް އޭގެ ތެރެއިން 61 ތަން ރަށަކީ. ދެން އޮތީ 24 ފަޅު. 5 ފަޅު ހިއްކީ. 5 ފަޅު ހިއްކުމުގެ މަރުހަލާގައި އޮތީ. އަނެއް 14 ފަޅު ކަނޑު އަޑީގައިވީ. ފަހިކުރާ ބިލުގެ އަލީގައި މި ތަންތަން ހެދުމުގެ މަސައްކަތް ފަށައިފި. މި މަސް ނިމޭ އިރު ހުރިހާ ރަށެއްގެ މީހުންނާއި ބައްދަލުކޮށް ތާވަލެއް ހެދޭނެ." މައުސޫމް ވިދާޅުވިއެވެ.

ހިއްސާ ބަދަލުުރުމުގެ މުއާމަލާތްތަކާ ހުރެ ވަރަށް ގިނަ ރިސޯޓްތައް ހުއްޓިފައިވާ ކަން ފާހަގަކުރައްވާ މެމްބަރުން ވަނީ އެކަންކަމަށް ސަރުކާރުގެ ތެރެއިން ތަދައްހުލު ނުވަނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ. އަދި ގިނަ ދުވަސް ވެފައި ހުރި އެފަދަ މައްސަލަތަކަށް ހައްލު ހޯދަން ކުރަމުން އަންނަ ކަންކަމާ ގުޅޭ ގޮތުން ވެސް މިނިސްޓަރު މައުސޫމް ވަނީ ސުވާލު ކުރައްވައިފައެވެ.

މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ވުޒާރާއިން ފުރަތަމަ އެއްބަސްވުން ހަދަނީ ރަށް ކުއްޔަށް ދޭ ފަރާތާ ކަމަށް ވުމުން ފަތުުރުވެރިކަމާ ބެހޭ ވުޒާރާ އާއި މުއާމަލާތް ކުރުމުގެ ފުރުސަތު އޮންނަނީ އެ ރަށް ކުއްޔަށް ދިން ފަރާތާ ކަމަށެވެ.

ނަމަވެސް ކުއްޔަށް އެ ރަށް ނަގާ ފަރާތަށް ސަބްލީސްކޮށްގެން އެކި ކަހަލަ މުއާމަލާތްތައް ކުރުމުގެ ފުރުސަތު ލިބޭ ކަން މައުސޫމް ފާހަގަކުރެއްވިއެވެ.

އެކަމަށް ޖާމިނުވުމުގެ ގާނޫނީ ހައިސިއްޔަތު ފަތުރުވެރިކަމުގެ ވުޒާރާ އަށް ނޯންނަ ކަން މައުސޫމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މަސްލަހަތު ރަނގަޅުކުރުމަށާއި މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ހައްލުކުރުމަށް ރަށް ކުއްޔަށް ދިން ފަރާތްތަކާއި މަޝްވަރާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާނޫނީ ގޮތުން ކޮންމެެން ކުރަން ޖެހޭ ކަމެއް ކަމުގައި ނުވިޔަސް އެކަންތައްތައް ހައްލުކޮށް އެ ރަށްރަށް ހުޅުވާ، ރައްޔިތުންނަށް ވަޒީފާ ލިބި ދައުލަތަށް އާމްދަނީ ލިބޭގޮތް ހެދުމަށްޓަކައި މަސައްކަތް ކުރެވޭ،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ކާމިޔާބު ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވެފައެވެ.