މި އަހަރުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.މައުސޫމް ވިދާޅުވީ މިއަހަރުގެ ބަޖެޓް ހެދި އިރު ލަފާކުރެވުނު ގޮތުން މި އަހަރުގެ ނިޔަލަށް ރާއްޖެ އަންނާނީ އެއް މިލިއަން ފަތުރުވެރިން ކަމަށް ބެލެވުނު ކަމަށެވެ.

ނަމަވެސް އުންމީދު ކުރި ވަރަށް ވުރެ އަވަހަށް ރާއްޖެ އަށް ވެކްސިން ލިބުމުން އެ އަދަދު މުރާޖައާކޮށްފައިވާ އިރު، މި އަހަރުގެ ނިޔަލަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"2021 ވަނަ އަހަރަށް ބަޖެޓް ހަދަމުން ދިޔަ އިރު އޭރު އަޅުގަނޑުމެން ސަރުކާރުން ފުރަތަމަ ހުށަހެޅި އަދަދު ފަހުން ލިބުނު މައުލޫމާތުގެ އަލީގައި އަންނާނެ ކަމަށް އަންދާޒާ ކުރެވޭ ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް މި މަޖިލީހުން ވަނީ ބަދަލު ކުރައްވާފައި.އޭގެ ފަހުން އޭރު އުއްމީދު ކުރި ވަރަށް ވުރެ އަވަހަށް ވެކްސިން އައީމަ އަނެއްކާ އެ އަދަދު ވާނީ ރިވައިޒްކޮށްފައި. މިހާރު މި އަންދާޒާ ކުރަނީ މި އަހަރު ނިމޭ އިރު 1.5 ބިލިއަން ފަތުރުވެރިން އިރާދަކުރެއްވިއްޔާ ރާއްޖެ އަންނާނެ ކަމަށް،" މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ މި އަަހަރު ފަތުރުވެރިން ގުނާ އިރު ސީދާ ނަމްބަރުން ފަތުރުވެރިން ގުނުމުގެ ބަދަލުގައި ބެޑް ނައިޓް ގުނަން ގަސްދު ކުރައްވާ ކަމަށެވެ. އެއީ ބެޑް ނައިޓާއި ލިބޭ އާމްދަނީ އާއި ގުޅިފައި އޮންނާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މި އަހަރު 10 މިލިއަން ބެޑް ނައިޓްސް ލިބޭނެ ކަމަށް އަންދާޒާކުރައްވާ ކަމަށް ޑރ.މައުސޫމް ވިދާޅުވިއެވެ.