އިސްލާމިކް މިނިސްޓްރީ އާއި ދައުލަތުގެ އެހެން މުއައްސަސާތަކާއި ވުޒާރާތަކުގެ ސާވާތަކުން ބަރަހަނާ ސައިޓްތަކަށް ވަދެފައި އެބަ ހުރި ކަމަށާއި އިސްލާމީ ދައުލަތެއްގެ މުއައްސަސާތަކުގެ ސާވޭއަކުން އެފަދަ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މިއަދު ވިދާޅުވެއްޖެއެވެ.

ބޮންޑެ މިހެން ވިދާޅުވީ، މާލޭގައި މަޖާކޮށްލެވޭ ގޮތަށް މިއުޒިކް ފަދަ ފަންނީ ހަރަކާތްތައް ހިންގާ މަރުކަޒުތައް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ބޮންޑެ ވިދާޅުވީ އިސްލާމީ ދައުލަތެއްގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ދައްކަވާއިރު އިސްލާމީ އުސޫލުތަކާ ޚިލާފަށް މުޖުތަމައުގައި އަދި ދައުލަތުގެ އެންމެ މަތީ ފަޑީގައި ވެސް ހިނގާ މާ ގޯސް ކަންކަމުގެ ވާހަކަ އެއްވެސް މެންބަރަކު ނުދައްކަވާ ކަމަށެވެ. މިއުޒިކާ ގުޅޭ ގޮތުން އޮންނަ ޚިލާފް އުފެދިފައިވާ މައްސަލައެއްގެ ވާހަކަ ދެއްކުމަށް ވުރެ އެ ވާހަކަތައް ދައްކަން މާ މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގޮތުން ދައުލަތުގެ މުއައްސަސާތަކުގައި ހުންނަ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ބަަރަހަނާ ސައިޓްތަކަށް ވަންނަ ކަމަށް ބޮންޑެ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ވެސް އިސްލާމިކް މިނިސްޓްރީގެ ސާވާއެވެ. އެ ސާާވާއިން ވަދެފައިވަނީ ކޮން ކަހަލަ ސައިޓްތަކަކަށްތޯ ބަލާލައިފި ނަމަ ގިނައިން ބޭނުން ކޮށްފައި އޮންނާނީ ބަރަހަނާ މަންޒަރުތައް ދައްކުވައިދޭ ސައިޓްތައް ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"އިސްލާމިކް މިނިސްޓްރީގެ ސާވޭތައް ބަލާލަމާ ކޮންތާކަށްތޯ ވަންނަނީ. ޕޮނޮގްރާފިކް އިންޑަސްޓްރީގެ އެޑްތަކެއް އަންލިމިޓެޑްކޮށް އިންޓަނެޓްގައި ފެންނަ ގައުމެއް މި ނޫނީ ނޯންނާނެ. މިއީ އިސްލާމިކް މިނިސްޓްރީގެ އިހުމާލެއް. ސަރުކާރުގެ ވަސީލަތްތަކުން ވަދެގެން ނުވާނެ އެފަަދަ ސައިޓްތަކަށް. ބޭރުގެ ބައެއް ގައުމުތަކުގައި ނުވަދެވޭ." ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވި ގޮތުގައި އެފަދަ ކަންކަން ކުރަނީ ކޮން ބައެއް ކަން ނޭނގޭނެ ވަރަށް އެފަދަ އަމަލުތައް މުއައްސަސާތަކާއި ވުޒާރާތަކުގައި ގިނަ ވެފައިވާ ކަމަށެވެ. އަދި ބައެއްގެ ތެރޭގައި ނަފުރަތު އުފެދިގެން ދާނެ ގޮތަކަށް މިފަދަ ތަހުގީގެއް ކުރެވެން ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު ދައުލަތުގެ ވުޒާރާތަކުގައި ހުންނަ ވަސީލަތްތަކުން އެފަދަ ސައިޓްތަކެއް ވަދެވޭނެ ގޮތަށް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގަނޑުވަރު އިބޫ

    ކޮވިޑު ނިމުނީމާ ތިކަން ކުރެވޭތޯ ކަމާއިބެހޭ ފަރާތްތަކާއި ބައްދަލު ކުރެވޭތޯ ބަލާނަން

  2. ލާދީނީ އަންނި

    ތިކަމެއް ނުވާނެ ތިކަން ކޮއްފިއްޔާ ބޮނޑެއައް 5 އަހަރުގެ ޖަލުހުކުމެއް އަންނާނެ.

  3. ކޮވިޑް

    ސައިޓް ތަކަށް ނުވަދެވޭ ގޮތް ހެދީމަ އެނިމުނީތޯ؟ ރައީސް އޮފީސް ތެރޭގައި ވެބްކެމް ޖައްސައިގެން ކަސޯޓީ ކުޅުނަސް އޯކޭތޯ؟ ފޮރިންގް މިނިސްޓްރީ ގެ ވާހަކަ ދައްކާކަށް ނެތިން.ސަރުކާރުގަ މިހާރު އެކި ފެންވަރުގެ އިއްޒަތްތެރިން ކަމަށް ނިޔާ އިއްޒަތްތެރިން ބޮންޑެ ތި ބުނާ ޒާތުގެ ޑްރާމާ ކުޅުނު އިއްޒަތްތެރިން ސަރުކާރުގެ މަޤާމް ތަކުން ދުރުކުރަން ގޮވާލަބަލަ ބޮންޑެ.

  4. ބުއްޅަބޭ

    ތިޔަ މަޖިލީހުން އެތަނަށް ވަދޭތޯ؟! ލޮލް

    3
    1
  5. ހުސޭނުބޭ

    މީނަގެ ވާހަކަތަކުން ވަރަށް ޔަޤީންވެއްޖެ މީނައަކީ ބަރަހަނާ ސައީތްތަކަށް ވަނުމުގެ ވަރަށް ތަޖުރިބާ ހުރި މީހެއްކަން!

    11
  6. ބޮޑު ޖޯކެއްނުން

    ކީއްވެތޯ ހަމައެކަނި ދައުލަތުގެ ސާވާތަކުން ބަރަހަނާ ސައިޓުތަކައް ވަނުން ހުއްޓުވަން ހިތައް އެރީ؟ އިސްލާމީ ދައުލަތެއްގެ މުއައްސަސާތަކުގެ ސާވާއަކުން އެފަދަ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ބުނާއިރު އެ ހުކުމް މި މުސްލިމު ގައުމުގަ ތަންފީޒު ނުކުރެވެންވީ ކީއްވެ؟ މި ގައުމުގަ ނަގާކިޔާ ހުރިހާއެންމެން ވެސް ދީން ހަދަނީ ސިޔާސީ ހަތިޔާރަކައް.

  7. ޖައުހަރީ

    މީނާގެ ފޯނުވެސް އެބަޖެހޭ ބްރައުޒާ ހިސްޓްރީއެއް ނަގަން