ގއ. މާމެންދޫގައި ހިންގި ގުރޫޕު މާރާމާރީއެއްގައި އިއްޔެ ރޭ މަރާލި އަހުމަދު އުދައްޔުގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

ފުލުހުން ވިދާޅުވީ އުމުރުން 17 އަހަރުގެ އުދައްޔުގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ރާއްޖެ އިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ މާމެންދޫގައި ހިންގި މާރާމާރީއާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މާރާމާރީ ހިންގި ރޭ ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެކެވެ.

އެމީހުންގެ ތެރެއިން ދެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކުރިއިރު، އަނެކަކު 10 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އަނެއް ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް އަދި ހާޒިރެއް ނުކުރެއެވެ.

އުދައްޔުގެ ފުރަގަހުން ފުއްޕާމެއާ ދިމާލަށް ތަކުރާރުކޮށް ވަޅި ހަރާފައި ހުރި ކަމަށްވެއެވެ. މި މާރާމާރީގައި އުދައްޔުގެ ބޭބެ އަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އެކަމަކު، އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށްވެއެވެ.

ޒުވާނާގެ މަރަށް އިންސާފު ހޯދައިދިނުމަށް، ފުލުހުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިޕޯން ޕެއިންޓް

    ޒުވާނާގެ މަރަށް އިންސާފު ހޯދައިދިނުމަށް، ފުލުހުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވިއިރު މީގެ ކުރިން މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދެވުނުބާ؟ކޮންމެ އިންތިހާބަކާދިމާކޮށް ނުހައްގުން މަރާލާފައިވާ މީހުންގެ ހަނދާން އާކޮށް އާއިލާގެ މީހުންގެ އިތަށް ތަސައްލީއެއް ގެނައުމަށް އެމީހުންގެބޮލަށް ޗިޕް ޖެހޭތޯބަލާ.އެހެނަސް މިހާރު އެހެންޖަހާ ގިނަ ޗިޕްތަކެއް މަސައްކަތެއްނުކުރޭ.

    11
    1
  2. ކައްބެ

    ތިޔަ ޒުވާނާ މަރާލިމީހުންހޯދޭނެބާ؟ ޢެއްއިންޗި ހަމަނުވާކުޑަތަނަކުން ކުރާއެއްވެސް ކަމެއް މިރާއްޖޭގެ ފުލުހުންނަށް ހޯދުމަކީ ވާނޭކަމެއްހެން މަށަށް ހީނުވޭ.