ގއ. މާމެންދޫގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީގައި ކުޑަކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަަލައާ ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށް މީގެ ކުރިން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އެ މައްސަލައިގައި އިއްޔެ އެންމެ ފުރަތަމަ ހައްޔަރު ކުރީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެކެވެ.

އެމީހުންގެ ތެރެއިން ދެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކުރިއިރު، އަނެކަކު 10 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި، އެއްބަނޑު ދެބެންނަށް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައިވާއިރު، އެތަނުން ހަގު ކުއްޖާ އަށް ލިބުނު އަނިޔާތަކަށް ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އެ މާރާމާރީގައި ނިޔާވެފައި ވަނީ ގއ.މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، އެވެ.

މަރާލި ކުއްޖާގެ ހަށިގަނޑަށް ދަގަނޑާއި ވަޅިން ވަނީ ތަކުރާރުކޮށް ހަމަލާދީފައެވެ. އަދި ނިޔާވި ކުއްޖާގެ ބޭބެ އަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާ އަށް ފަރުވާދެމުން ދަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސް ޔުނިޓު (އެޗްޑީޔޫ) ގައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނފައެވެ.

އެ ޒުވާނާގެ ހާލު ގެނައި އިރަށްވުރެ މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، ބުރަކައްޓައި ދިމާލުން ތަންކޮޅެއް މަތިން ދެ ސެންޓިމީޓަރަށް ވަޅި ހަރާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެއެވެ.

މި މައްސަލަ މިހާރު ބަލަމުން ދަނީ ފުލުހުންގެ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުންނެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމުތަކެއް މާމެންދޫ ގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.