ސިޔާާސީ ޕާޓީތަކުގެ މެމްބަރުން ވަކިވާނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން އިށީނދެ ވަޑައިގެން ތިއްބަވާ ތަރުތީބު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއިން ފާސްކޮށް ރައްޔިތުންގެ މަޖިލިހަށް ރިޕޯޓު ފޮނުވައިފިއެވެ.

މަޖިލީހުގެ ތަޅުމުގައި މިހާރު މެންބަރުން އިށީނދެ ތިއްބަވާ ތަރުތީބަކީ، އެންމެ ކުރީ ގޮނޑި ބަރީގައި މާލެ ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުން ތިބުމަށް ފަހު، ދެން ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް އިދާރީ ދާއިރާތައް ތަރުތީބުވާ ގޮތަށެވެ.

މެންބަރުން އިށީނދެ ތިއްބަވާ ތަރުތީބު ބަދަލު ކުރުމާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާ ކުރެއްވިއިރު ދެ ތަރުތީބަކަށް މެންބަރުން ތާއީދުކުރައްވާ ވާހަކަ ދެއްކެވިއެވެ. އެއް ތަރުތީބަކީ ސިޔާސީ ޕާޓީތަކުގެ މެންބަރުން ވަކި ތިބޭ ގޮތަށް ތަރުތީބު ކުރުމެވެ. އަނެއް ތަރުތީބަކީ ހއ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް އިދާރީ ދާއިރާތައް ތަރުތީބުވާ ގޮތަށެވެ.

އާންމު ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައި ބުނެފައިވަނީ ދުނިޔޭގައި ރިޔާސީ ނިޒާމަށް އަމަލު ކުރާ ގިނަ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ ތަރުތީބުގައި ވެސް ވަނީ ސިޔާސީ ޕާޓީތައް ވަކިވަކިން ހިމެނޭ ތަރުތީބަކަށް ވާތީއާއި ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވަނީ ވެސް އެ ތަރުތީބަށް ރާއްޖޭގެ މަޖިލީހުގެ ތަރުތީބު ވެސް ބަދަލު ކުރުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތަރުތީބު ބަދަލު ކުރުމާ ގުޅޭ ގޮތުން އެކި ފަހަރު މަތިން އެ ވާހަކަ ދައްކަވާފައެވެ. މިހާރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ނަޝީދު ވިދާޅުވާ ގޮތުގައި ރާއްޖޭގައި މަޖިލީހުގެ މެންބަރުން ތިއްބަވާ ގޮނޑިތައް ތަރުތީބު ކުރެވިފައި އޮންނަނީ މަޖިލީހުގެ މަސައްކަތްތަކަށް އެންމެ އެކަށޭނަ ގޮތަކަށް ނޫނެވެ.