ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތީޚާބުގެ ބަޖެޓް ކުޑަކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފާޅުކޮށްފައިވަނިކޮށް އެ ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއެކު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިއަދު ހެނދުނު 11:00 ގައި ބޭއްވި މި ބައްދަލުވުމުގެ އަޑު މަޖިލީހުގެ އިދާރާއިން ދުރަށް ގެނެސްދީފައެއް ނުވެއެވެ. މަޖިލީހުގެ އިދާރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގެ އަޑު ދުރަށް ގެންގޮސްފައި ނުވަނީ ސިއްރު ކޮމިޓީއެއް ގޮތުގައި ކުރިއަށް ގެންދަން ނިންމާފައި އޮތުމުން ކަމަށެވެ. -- މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ އޯޑިއޯ މަޖިލީހުގެ އިދާރާއިން ލައިވްކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ މިއަދުގެ ކޮމިޓީ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ އީސީ އާއި ފިނޭންސް މިނިސްޓްރީއާ ބައްދަލު ކުރުމެވެ. އެނގިފައިވާ ގޮތުގައި މި ބައްދަލުވުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުން އަމަލު ކުރަން ޖެހޭ އާ އާންމު ހާލަތުގައި އިންތިޚާބު ބޭއްވުމަށް ދާނެ އިތުރު ޚަރަދުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް ކަނޑައަޅާފައިވަނީ 51 މިލިއަން ރުފިޔާގެ ބަޖެޓެވެ. އަދި އިތުރަށް 44.9 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އީސީއިން ވިދާޅުވެއެވެ.

އެހެންކަމުގައިވާ ނަމަ އޭޕްރީލް 10 ގައި ބާއްވަން މިހާރު ތާވަލުކޮށްފައިވާ މި އި އިންތިހާބު ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ހަރަދު ބޮޑު އިންތިހާބަށެވެ.

އިންތިހާބުގެ ހަރަދު ބޮޑުވެގެން ދަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އޮތުމުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ. އެގޮތުން ސެނެޓައިޒާ، މާސްކް ފަދަ ތަކެތި ފޯރުކޮށްދިނުމަށް ދާނެ ހަރަދާއި ގައިދުރުވުމުގެ ހަމަތަކުގެ މަތިން އިންތިހާބު ބާއްވާތީ ވެސް އިތުރު ހަރަދުތައް ހިނގާނެ ކަމަށް ބެލެވެއެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވުމުގެ ސަބަބުންނެވެ. މުޅި ދުނިޔެއަށް ފެތުރިގެން އައި އެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެމުން އަންނަ މި ހާލަތުގައި އީސީއިން ދެން މަސައްކަތް ކުރީ މި އަހަރުގެ މާޗު މަހު އިންތިހާބު ބޭއްވުމަށެވެ.

އެކަމަކު، ފެބްރުއަރީ މަހާ ހަމައަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލުމުގެ ސަބަބުން އެ މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީއިން ނިންމިއެވެ. އެއީ އިންތިހާބުގެ ވަގުތީ ގާނޫނުގައި އޮންނަ ގޮތުން އިންތިހާބު ބޭއްވެނީ ސިއްހީ ކުއްލި ހާލަތު އުވާލުމަށް ފަހުގައެވެ. އެކަމަކު މިހާރު މަޖިލީހުން ވަނީ އެ ހާލަތުގައި ވެސް އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައެވެ.