ކޮވިޑް-19 އާ ދެކޮޅަށް ބޭނުން ކުރުމަށް ރާއްޖެއަށް އިތުރު 5000 ޑޯޒް ވެކްސިން ލިބިފައިވާކަން ސަރުކަރުން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވީ، މިއަދު އިތުރު 5000 ވެކްސިން ރާއްޖެ އައިސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެޗްއީއޯސީގެ ފަރާތުން ދެއްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މި މަހުގެ ތެރޭގައި އިތުރު ވެކްސިން ތަކެއް ރާއްޖެއަށް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވޭ، އޭގެ ތާރީހެއް އަދި ކޮންފޮމޭޝަންއެއް ލިބިފައެއް ނެތް.".މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑު-19 އިން ދިފާއުވުމަށް މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި "ކޮވިޝީލްޑު" ވެކްސިންއެވެ. މީގެ އިތުރުން، ޗައިނާއިން ރާއްޖެއަށް ވަނީ 5000 ވެކްސިން ޑޯޒް ހަދިޔާ ކޮށްފައެވެ.