ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މިހާރު ޖަހަމުން އަންނަ ކޮވިޑް-19 ޖައްސަވާފައި ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ޖަހަމުންދާ ވެކްސިނަކީ ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޝީލްޑްއަކީ އޮކްސްފޯޑް، އެސްޓްރާޒެނެކާ ވެކްސިނެކެވެ. މިވެކްސިން އުފައްދާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކުންފުނި، އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުންނެވެ. ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެ ވެކްސިނަށް ހުއްދަ ދިނުމާ ގުޅިގެންނެވެ.

މި ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި ދައުލަތުގެ ވެރިންނާއި ސިޔާސީ ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުތުތަސިމް އަދުނާން އާއި ބައެއް ވަޒީރުންނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ހިމެނިވަޑައިގަންނަވައެވެ.

އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ކޮވިޑް-19 ވެކްސިން ޖެއްސެވި ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށެވެ.

"އަޅުގަނޑު ވެކްސިނެއް ނުޖަހަން، އަޅުގަނޑުމެންނަކީ ވެކްސިން ޖެހުމާ ދެކޮޅު ބައެއް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އޭނާގެ އެދުމަކީ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމެވެ.

"އަޅުގަނޑުމެން އަބްދުވެސް ތިބޭނީ ރައްޔިތުންނާ އެކު،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން ކޮވިޝީލްޑް ވެކްސިން ޢުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ހުއްދަ ދީފައެވެ. ޑަބްލިއުއެޗްއޯ އިން މި ވެކްސިން ޖެހުމަށް ހުއްދަ ދިން އިރު، ބައެއް ގައުމުތަކުގައި ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް މިވެކްސިން ނުދޭން އޮތީ ނިންމާފައެވެ.

އެކަމަކު، ޑަބްލިޔުއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕުގެ ޗެއާ އަލެޚަންދްރޯ ކްރަވިއޯތޯ ވިދާޅުވެފައިވަނީ އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް މިވެކްސިން ޖެހިދާނެ ކަމަށާއި 65 އަހަރުންމަތީގެ މީހުންނަށް ވެކްސިން ދިނުމުން މައްސަލައެއް އޮތްކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޔާމީން

  ޓިނު ވަގު. ކަލޭ ޖެހޭނީ ޖަހަން. ގަދަކަމުން ގެންގޮސްގެން ނަމަވެސް ޖަހާނަން.

 2. މޮޔަސޮރު

  ކަލޯއަކަށް ނުކެރޭނެ ޖަހާކަށް އަނގައަރުވަން ކެރޭނީ މަރަށްބިރުން ތިއުޅެނީ

 3. މާވަޑި ފަލާހު

  އާންމުކޮށް މެތުސް ޓީޗަރުން ވެކުސިނެއް ނުޖަހާނެ، އެމީހުން އެއްކޮށް، ގުނަކޮށް، ގެއްލާ، ކަނޑާ ހަދާލާފަ ކޮންމެވެސް ރިވެތިބަސްކޮޅެއް ލައިވް ޓީވީތަކުގަ ގޮވާލާނީ، މަޖިލިސް ތަޅުމުގަވެސް ރިވެތި ބަސްތަކެއް ބޭނުންކޮށްލާނީ، ދެން އިނގިލީގަ އަގުބޮޑު އަނގޮޓިއެއް އޮށްނާނީ، އެއިރުން ވެކުސިން ޖެހުމުގެ ބޭނުމެއްނޯންނާނެ

 4. އެނޯ

  ކޯވިޝީލްޑް ހެދީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް ގައި. އެއީ އޮކްސްފަރޑް-އެސްޓްރާ ޒެނިކާ އިން އީޖާދުކޮށް އުފެއްދި ކޯވިޑް 19 ވެކްސިން އެފަރާތުގެ ލައިސަންސްގެ ދަށުން ސީރަމް އިންސްޓިޓިއުޓް/އިންޑިއާ އިން ހަދާފަ އެއަށް ކިޔާފައިވާ ނަން.

 5. ޝަހު

  އަދުރޭ މީގަދަ މީހެއް. ނުޖަހާތި ވެކްސިންގ. ގޮތެއްގައި ހިފަހައްޓާތި. ޕީޕީއެމް ގެ އެއްވެސް މީހަކު ނުޖަހާތި.