މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ ލޯނުގެ ތެރެއިން 770 ލޯނަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ލޯނަށް އެދި ކުރިމަތިލާ ފަރާތްތަކަށް، ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ފުރުސަތު އޮންނާނެ ކަމަށެވެ. ލޯނަށް އެދި ކުރިމަތި ލުމުގެ ފުރުސަތު އޮންނާނީ ކުރިއަށް އޮތް މާޗް މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަދި އިއުލާނުގެ މުއްދަތު ހަމަވުމުގެ ހަތް ދުވަސް ހަމަވުމުގެ ކުރިން ހުށަހަޅާ ފޯމުތަކުގައި ރަނގަޅު ކުރަން ޖެހޭ ކަމެއް ހުރި ނަމަ، އެކަން ފާހަގަކޮށް އިސްލާހުތައް ގެންނަން ފުރުސަތު ދޭނެ ކަަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ލޯނަށް ކުރިމަތިލުމަށް ހުޅުވާލި 770 ފުރުސަތުގެ ތެރޭގައި ހިމެނެނީ އަލަށް ކިޔަވާ ދަރިވަރުންނަށް ޚާއްސަ 299 ލޯނާއި މިހާރު ކިޔަވަމުންދާ 471 ދަރިވަރުންނަށް ޚާއްސަ ލޯނުތަކެވެ.

" އޮންލައިންކޮށް ހުށަހަޅަން ޖެހޭނީ. ކުރީ ފަހަރުގެ ތަޖުރިބާ އަށް ބަލާފައި ޕޯޓަލް އަށް ވެސް ބަދަލުތަކެއް ގެނެސްފައި ވާނީ." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ލޯނާއި ގުޅޭ މައުލޫމާތު ޝެޝަންތައް މި މަހުގެ 18 އަދި 25 ވާ ބުރާސްފަތި ދުވަހު 13:00 އިން 14:00 އަށް ފޭސްބުކް ލައިވް މެދުވެރިކޮށް އޮންނާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވެއެވެ.

ލޯނު ދިނުމުގައި ބަލާ ކަންތައްތަކަށް ބަލާ ނަމަ ރާއްޖެ އާއި ރާއްޖޭން ބޭރުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ކެޓަގަރީން ޕޮއިންޓް ދިނުމުގައި ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ވުމާއި، އެކަޑަމިކް މެރިޓް ސްކޯއިން މަތީ މާކްސް ހާސިލް ކުރުން ހިމެނެެއެވެ.

ރާއްޖޭން ބޭރުން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ލޯނަށް އެދޭ ދަރިވަރުންނަށް ޕޮއިންޓް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ކިޔަވަމުންދާ ކޯސް ނިންމުމަށް ކުރު މުއްދަތެއް އޮތް ފަރާތްތަކަށާއި، ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަދި އެކަޑަމިކް މެރިޓް ސްކޯއިން މަތީ މާކްސް ހޯދާ ފަރާތްތަަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    މަތީތައުލީމަށް ލޯނު ދޫކުރަނީ ކީއްވެ ؟ 2008 ގަ އެމްޑިޕީ ވެރިކަމަށް އައިއިރު ޑިޕޮލުމާ ބީއޭ ފެންވަރުގެ ކޯސްތައް މާލޭގަ ހިނަގަނީވެސް ހިލޭ އަދި އެކޯސްތަކުގަ ކިޔަވާ ދަރިވަރުންނަށް ޕޮލެތްމަނީ އެއްވެސް ސަރުކާރުންދިޔައީދެމުން. އެމްޑީޕީ ވެރިކަމަށް އައިސް އެކަންހުއްޓުވާލީ އެލަވަންސް ދިނުންވެސް ހުއްޓާލީ. މިހާރު ކިޔަވަން ލޯނު ދޫކުރަނި ކީއްވެ ؟ ދިވެހިގައުމަށް ލިބޭއާމްދަނިގެ މިންވަރަށް ބަލާއިރު ލޯނާ ނުލާ ރައްޔިތުންނަށް ޑިޕޮލުމާ ބިއޭ މާސްޓަރސް ޕީއެޗްޑީ ކިޔަވާ ދެވެން ޖެހޭނެ.ދަވްލަތގެ މަނޭޖްމަންޓް އޮޑިޓެއްކުރަން އޮޑިޓަރ ޖެނެރަލް އަށް ގޮވާލަން.