އެސިސްޓެންޓް ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމަށް މަރިޔަމް ފެޒްލީން އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް ފެޒްލީން އައްޔަން ކުރެއްވީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި އޮތް ރަސްމިއްޔާތުގައި ޕީޖީ ހުސެއިން ޝަމީމެވެ. ފެޒްލީން މިހާތަނަށް ހުންނެވީ އެ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމުގައެވެ.

ފެޒްލީން ގާނޫނީ ދާއިރާ އިން ހިދުމަތްކޮށް ދެއްވަން ފެއްޓެވީ މެއި 13، 2009 ވަނަ ދުވަހު ޕީޖީ އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމުންނެވެ. އެގޮތުން 2009 ވަނަ އަހަރުން ފެށިގެން ފެޒްލީން ވަނީ އެ އޮފީހަށް ހިދުމަތްކޮށް ދެއްވައިފައެވެ.

ފެޒްލީންއަކީ މިވަގުތު ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންގެ ތެރެއިން މި ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ގާނޫނީ ވަކީލު ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ފެޒްލީން ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން، ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވައިފައެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން ކޮމްޕެރެޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވިއެވެ. އަދި ގާނޫނީ ދާއިރާއިން ގިނަ އަދަދެއްގެ ސެމިނާތަކާއި، ޓްރެއިނިން ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ.

ޕްރޮސިކިއުޓަ ޖެނެރަލް އައްޔަންކުރައްވާ ޕީޖީ އޮފީހުގެ އެންމެ އިސް މަގާމުތަކުގައި މި ވަގުތު ތިއްބެވީ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަޙްމޫދް ސަލީމްއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަ ޖެނެރަލް ޙުސައިން ނާޝިދާއި އެސިސްޓެންޓް ޕްރޮސިކިއުޓަ ޖެނެރަލް ޝަމްރާ ޝަމީމްއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް ޢަބްދުﷲ ރާބިޢުއާއި، އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް މަރްޔަމް ފެޒްލީންއެވެ.