ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ވަނީ އެކަމާއި ގުޅިގެން ބަޔާނެއް އާއްމު ކުރައްވާފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ބޭސް ފަރުވާއަށް ދިޔުމަށް ޕާސްޕޯޓު ދޫކޮށް ދިނުމަށް އަލީ ވަހީދުގެ ފަރާތުން ކޯޓުގައި އެދުނީ 24 ޖަވަނަރީ 2021 ދުވަހު ބޭއްވުނު މައްސަލައިގެ އަޑުއެހުމުގައި ކަމަށެވެ. އެކަމާ ގުޅިގެން ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލައިފި ނަމަ، ފިލައިގެން ދިޔުމާއި އަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސް އެޅުމުގެ ފުރުޞަތު އިންތިހާއަށް އޮތްކަން ފާހަގަކޮށް އެކަމަށް ދައުލަތުން އިޢުތިރާޟް ކުރި ކަމަށް ބަޔާނުގައިވެއެވެ.

މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް އެ މައްސަލާގައި ފުރިހަމަ ވެފައިވާއިރު ބޭސް ފަރުވާއަށް ދިޔުމަށް ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅި ނަމަވެސް، ކޮންމެ ސިއްޙީ މައްސަލައަކީ ބޭސްފަރުވާއަށް ދިޔުމަށް ޕާސްޕޯޓު ދޫކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ޕީޖީ އިން ކޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.

ހަމައެހެންމެ ފިލާފާނެކަމުގެ އިޙްތިމާލު އޮތް މީހެއްގެ ޕާސްޕޯޓު ދޫކުރަން ވާނީ، އެކަށީގެންވާ ގޮތުގައި ރާއްޖެއިން ފަރުވާ ނުކުރެވޭނެ ސީރީއަސް ސިއްޙީ މައްސަލައެއް ހުރެގެން، އާޖެންޓް މެޑިކަލް އެޓެންޝަން ބޭނުންވާ ފަދަ ޙާލަތެއްގައި އެކަނި ކަމަށްވެސް، ޕީޖީ އިން ކޯޓުގައި ދެންނެވިން ކަމަށް ބަޔާނުގައިވެއެވެ

ޕީޖީ އިން ޢަލީ ވަޙީދު ހުށަހަޅާ މެޑިކަލް ލިޔުންތައް ނުބަލައި، އެފަދަ ޙާލަތެއް އޮތް ކަމުގައި ދަންނަވަން ދަތި ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ. ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔުމަށް ލަފާދީ ޓްރީޓޮޕް ހޮސްޕިޓަލްއިން ޑރ. މުޒުނީ ދޫކޮށްފައިވާ ލިޔުމެއް ޝަރީއަތަށް ހުށަހެޅި ނަމަވެސް، އެލިޔުމަކީ ކޮންގޮތަކަށް ހޯދާފައިވާ ލިޔުމެއްކަމާއި، އެ ލިޔުމަކީ ސައްޙަ ލިޔުމެއްކަން ކަށަވަރުކުރުމަކާ ނުލައި، އަދި އެލިޔުމުގައި ގިނަ ޢަދަދެއްގެ މެޑިކަލް ޓާމްސް ބޭނުންކޮށްފައިވާތީ، ޚަބީރެއްގެ ރައުޔެއް ހޯދުމަކާ ނުލައި، އެލިޔުމާ ގުޅިގެން އެއްޗެއް ދަންނަވަން ދަތިކަން ދައުލަތުން ވަނީ ޝަރީއަތުގައި ފާހަގަކުރައްވާފައެވެ.

ޕީޖީ އޮފީހުން ވަނީ މީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ބަލި ޙާލަތެއް ހުރިކަން އެކަށީގެންވާ ހެކީގެ މައްޗަށް ބަޔާންކޮށްދެވޭ ނަމަ ބޭސް ފަރުވާއަށް ދިޔުމަށް ދައުލަތުން އިޢުތިރާޟް ނުކުރާނެ ކަަމަށް ވެސް ބުނެފައެވެ. އެދުވަހުގެ އަޑުއެހުމުގައި ކޯޓުގެ އަމިއްލަ އިސްނެގުމަށް ކޯޓުން ނިންމަވާފައި ވަނީ ކޯޓުގެ އަމުރެއްގެ ދަށުން އައިޖީއެމްއެޗް އިން އަލުން ޗެކް އަޕްއެއް ހެދުމަށް ކަމަށާއި އެއީ އެބާވަތުގެ މައްސަލައެއްގައި، ޢާންމުކޮށް ކޯޓުން އަމަލުކުރާ ގޮތެއް ވެސް ނޫން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެޗެކަޕްގެ ލިޔުންތައް ލިބިފައިވާ ކަމަށް ކޯޓު އޮފިސަރުން މަޢުލޫމާތު ދިނުމުން އެލިޔުންތައް ޙިއްސާ ކޮށްދިނުމަށް އެދުމުން މިހާތަނަށްވެސް އެލިޔުންތައް ދައުލަތަށް ފޯރުކޮށް ނުދޭ ކަމަށް ޕީޖީގެ ބަޔާނުގައި ވެއެވެ. އަދި އައިޖީއެމްއެޗްގެ ލިޔުންތަކާ ގުޅިގެން މެޑިކަލް ޑޮކްޓަރެއް ޙާޟިރުކުރުމަށް ނިންމަވާ، ޚަބީރެއްގެ ގޮތުގައި ކަށީގެ ޚާއްޞަ ޑޮކްޓަރެއް ކަމުގައިވާ ޑރ.ޝާން ޔޫސުފް ޙާޟިރުކުރެއްވި ކަމަށް ޕީޖީގެ ބަޔާނުގައިވެއެވެ.

"ޑރ. ޝަން ވިދާޅުވީ މެޑިކަލް ލިޔުންތަކުގައި މައިބަދައިގެ ޑިސްކް މައްސަލައަކާ ގުޅިގެން ސާޖަރީއެއް ހެދުމަށް ޢަލީ ވަޙީދަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށާއި، ޢަލީ ވަހީދުގެ ހުރި ކޮމްޕްލިކޭޝަންތަކުގެ ސަބަބުން ރާއްޖެއިން އެ ސާޖަރީ ހެދެން އޮތް ނަމަވެސް، މިތަނުގައި އެކަށީގެންވާ އިކުއިޕްމަންޓް ވެސް ނެތުމާއެކު ދިވެހިރާއްޖޭގައި ސާޖަރީ ރެކޮމެންޑް ނުކުރާ ކަމަށާއި، ދިވެހިރާއްޖޭގައި މިސާޖަރީ ހަދައިގެން ފޭޓަލް ވެސް ވެފައިވާ ކަމަށާއި، އެގޮތުން ވަރަށް ފަހުން ވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައިވާ ކަމަށެވެ." ޕީޖީގެ ބަޔާނުގައިވެއެވެ.

ޑޮކްޓަރުގެ ބަޔާނާބެހޭގޮތުން ދައުލަތުން ދެކެނީ ކޮން ގޮތަކަށްތޯ ޝަރީޢަތުން ސުވާލުކުރެއްވުމުން، މީހެއްގެ ބޭސްފަރުވާ އަށް ދައުލަތުން ހުރަސް ނާޅާނެ ކަމަށާއި، ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށްދިއުމަށް ހުއްދަދިނުމަށް އިޢުތިރާޒް ނުކުރާކަމަށާއި، ނަމަވެސް އެކަން ކުރުމަށް ދައުލަތުން އެދެނީ ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން އެގޮތުގައި ދަމަހައްޓައި، މީހަކު ޖާމިނު ކުރުވުމާއެކު ވަކި މުއްދަތަކަށް ބޭސްފަރުވާ ކުރުމަށް ދިވެހިރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަކުރާ ޓްރެވަލް ޑޮކިއުމަންޓެއް ދޫކޮށްގެން ކަމަށް ޕީޖީ އިން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ޢަލީ ވަހީދުގެ ފަރާތުން އޭނާ އަކީ ކުށުގެ ރެކޯޑު އޮތް މީހެއް ނޫން ކަމަށާއި، މީގެ ކުރިން ޝަރީޢަތަށް ފިލާފައި ނުވާނެ ކަމަށާއި، ޖިންސީ ކުށުގެ ދަޢުވާ އުފުލިފައިވާ މީހެއްކަން އެނގޭގޮތަށް ޓްރެވެލް ޑޮކިއުމަންޓެއް އޮތުމަކީ އޭނާގެ އަބުރަށް ހުތުރު ކަމެއް ކަމަށާއި، ޓެރެވެލް ޑޮކިއުމަންޓެއްގެ އެހީގައި އެކަށީގެންވާ ގޮތުގައި ފަރުވާ ހޯދުމަށް ދަތުރު ކުރުމަށް ހުރަސް އެޅޭނެ ކަމަށް ބުނެފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެހެ

    ހެޔޮނިޔަތުގަަ ޒިނޭކޮށް ކުޑަކުދިންނަބެހި ރޭޕްކުރުމަ މަގުމަތިން އަންހެނުންގެ މޭމަތީގަ އަތްލާ ހެދުމްކީ މައްސަލަކަށް ނުވި ސަރުކަރަކަށް ތިކަންވެސް ކޮސްފަ ބުނެ ހެޔޮނިޔަތުގައެ ސަދުމުގެ ލަދިނީ ވަގުން ހުސް

  2. ބެއްޔާ

    ޕީޖީ ޝަމީމް ނުވަތަ ސަރުކާރުން ސަކުރާރުގެ ރޭޕް މިނިސްޓަރު ހިމާޔަތްކުރުމަށް ކޮށްފައިވާވާ ކަމެއް. ތީ އާދައިގެ ރައްޔިތުންނަށް ލިބޭނެ ކަންކަމެއްނޫން. އިންސާފު ޤާއިމްކުރާ ސަރުކާރުމީ