ރޭ މެންދަމު އދ. ދަނގެތީގައި ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާއާއި އެކު އެރަށު ރައްޔިތުން ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.

ދަނގެތީގައި ތަރައްޤީ ކޮށްފައިވާ ކޮމްޕާސް ބީޗް ރެސްޓޯރެންޓްގައި އަލިފާން ރޯވެ، މުޅި އިމާރާތް އަނދާ އަޅިއަށްވެގެން ދިޔައިރު އެހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައި ނުވާ ކަމަށް އެރަށު ކައުންސިލަރު މުހައްމަދު ރަމްޒީ "ވަގުތު"އަށް ވިދާޅުވިއެވެ.

ރަމްޒީ ވިދާޅުވިގޮތުގައި އެބިމަކީ ކައުންސިލުން ކުއްޔަށް ދޫކުރި ބިިމެއްގައި އަމިއްލަ ފަރާތަކުން ރެސްޓޯރެންޓެއް އިމާރާތްކޮށްގެން ހިންގާ ތަނެކެވެ. އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާއި ގުޅިގެން އިތުރަަށް ކިޔައިދެމުން އެރަށުގެ ޒިންމާދާރުވެރިޔާ އަލީވަހީދު އަބޫބަކުރު "ވަގުތު" އަށް ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގާއިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ އެ ސަރަހައްދުގެ ގެތަކުން ކަރަންޓު ކެނޑުމުން ކަމަށެވެ. އަދި އެސަރަހައްދުގެ މީހުން ނުކުމެ، އެހެން މީހުން ހޭލައްވައިލައިގެން ގެނެސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ކަމަށް ވިދާޅުވިއެވެ.

އަލީވަހީދު ވިދާޅުވިގޮތުން މި ހާދިސާއަކީ ދަނގެތީގެ ތާރީހުގައި ފަވާލެވިގެން ދާނެ ހިތާމަވެރި ދުވަހެކެވެ. އެއީ މިފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް އެރަށުގައި ހިނގި ފުރަތަމަ ފަހަރަށް ވެފައި، ރަށުގެ ކުރިއެރުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމުގައި ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދަނގެތީ ރެސްޓޯރެންޓްގައި އަލިފާން ރޯވެ އެއްކޮށް ވަނީ އަނދާފައި - ފޮޓޯ: އެމްވީ ކްރައިސިސް

"މި މަންޒަރު ފެނުމާއި އެކު ރަށުގެ ރައްޔިތުން ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައި. މިހާ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު މިއީ. ރަށަށް ލިބުނު ފުން ހިތާމައެއް މިއީ." އަލީ ވަހީދު ވިދާޅުވިއެވެ.

މި ރެސްޓޯރެންޓްއަކީ އެރަށުގައި ހުންނަ ތިން ރެސްޓޯރެންޓުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މީހުން ޒިޔާރާތް ކުރާ ރެސްޓޯރެންޓެކެވެ. އޭނާ ވިދާޅުވީ އެއީ ބާރުބޮޑު ތަނެއް ކަމަށެވެ. ނަމަވެސް މި ހާދިސާއާއި އެކު މުޅި އެ އިމާރާތުގައި އަލިފާން ރޯވެ، އަދާ އަޅިއަށް ވެފައިވާކަން ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަނު

    މީހަކު ނުވަތަ ބަޔަކު މިކަން ކުރިކަމުގައި ވާކަމައް ވަންޔާ މީ ތަނުގެ ވެރި ފަރާތް ވާނެ ދެރަ އަދި ވާނެހިއްދަތިކަން އެހެން މީހަކައް އިހްސާސް ވެސް ނުކުރެވޭނެއެވެ. ޢިރާދު ކުރެއްވިއްޔާ ތަނުގެ ވެރިފަރާތައް މުސްތަގްބަލުގައި ތިތަނައްވުރެ ތަނަވަސް ވިޔަފާރި ރަނގަޅު ތަނެއް މިންވަރު ކުރައްވާތޯ އަޅުގަނޑު އަދި އަޅުގަނޑުގެ އާއިލާ ދުވާކުރާހާލުގައި. ކެއްތެރިކަން ދެއްވާށި. އާމީން. . އަދި މީބަޔަކު ކުރިކަމެއް ވިއްޔާ އެބަޔަކައް މިކަމުގެ ބަދަލު ދެއްވާނެ.

    11
  2. ރޯނު އެދުރު

    ތިކަމުގަ އަޑީގައި ތިބީ އަނެއް 02 ރެސްތޯރެންޓް ހިންގާ ދެމީހުން ކަމަށްވެސް ފަހަރުގަ ވެދާނެ.މިޒަމާނުގަ އެކަކު ކައިގެން ހުރުމަށް އަނެކަކު ނޭދޭނެ.މިކަމުގެ ސަބަބުން އަނެއް ދެ ރެސްޓޯރަންޓްގެ ވިޔަވާރި ރަނގަޅުވާނެ.މީވެސް ވެދާނެ ކަމެއް އެއްގަޮތަކުން.