ޏ. ފުވައްމުލަކައަކީ މިވަގުތު މާލެއާއި އައްޑޫ ފިޔަވައި ކޮވިޑް-19ގެ ވޭދަނަތައް އެންމެ ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ އެއް ރަށެވެ. އެރަށުގައި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުން އަންނައިރު، އެދެވޭ ވަރެއްގައި ބައްޔަށް ޓެސްޓް ނެހެދޭކަމީ އެރަށުގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔަ ކަމެކެވެ.

އެރަށު ހޮސްޕިޓަލަށް ކޮވިޑް-19 އަށް ޓެސްޓް ކުރާ ޕީސީއާރު މެޝިނެއް ގެނެސްފައިވަނީ ވަރަށް ފަހުންނެވެ. އަދި އެ މެޝިން ބޭނުން ކުރަން ފަށާފައިވަނީވެސް ދާދި ފަހުންނެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ފުވައްމުލައް ސިޓީގެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ، މި ވަގުތު ހުރި މެޝިނަކީ އެހާ ގިނަ ސުންކު އެއްފަހަރާ ޓެސްޓް ކުރެވޭނެ ގާބިލުކަން ހުރި މެޝިނެއް ނޫން ކަމަށެވެ.

އެގޮތުން ސައީދު ވިދާޅުވީ، މިވަގުތު އެ ހޮސްޕިޓަލުގައި ހުރި މެޝިނަށް ފަހަރަކު ލެވެނީ 4 ސުންކު ކަމަށާއި އޭގެ ނަތީޖާ ހޯދަން ގަޑިއިރެއް ހޭދަވާ ކަމަށެވެ. އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގައި ހުންނަ މެޝިނުން 24 ގަޑިއިރު ޓެސްޓެއް ނެހެދެއެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް ގެނައި ޖީން އެކްސްޕާޓް މެޝިން-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެކަމާއި ގުޅިގެން ސައީދު ވިދާޅުވީ، އެރަށުން ނަގާ ސުންކު، އެރަށުން ޓެސްޓް ކުރާ އުސޫލެއް ނުގެންގުޅޭ ކަމަށާއި ކުއްލި ހާލަތެއްގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޓެސްޓް ހަދަން ބުނުމުން ޓެސްޓް ހަދާ ކަމަށެވެ.

"އެހެން ނަމަވެސް މުޖުތަމައު ތެރެއިން ބަލި ފެނުމުން އެއީ ކުއްލި ހާލަތެއް ކަމުން އެޗްޕީއޭއިން ޓެސްޓް ހަދާށޭ ބުނުމުން އެ ޓެސްޓް ހަދަނީ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެފަދަ ހާލަތަކަށް ބަލާއިރު، އިއްޔެ ނަގާފައިވާ 150 ސުންކު ޓެސްޓް ކުރަނީ އެކޮޅުން ކަމަށެވެ. އެހެން ނަމަވެސް ފަހުން ވީ އަށް މީހުންނާއި ގާތުން ބައްދަލުވި މީހުން ގިނަ ވެއްޖެނަމަ ރަށުން ނެހެދޭނެ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"އިއްޔެވެސްއަށް މީހުން ފައްސި ވެއްޖެ. ދެން އެ 8 މީހުންނާއި ގާތުން އެއްތާވި ބައިވަރު ހުރެއްޖެއްޔާ އަޅުގަނޑުމެންގެ ކެޕޭސިޓީގައި މިރަށަކު ނުއެއް ހެދޭނެ. އެހެން ވެއްޖެއްޔާ އަޅުގަނޑުމެން ޖެހޭނީ އެއްފަހަރާ ބޮޑު އަދަދެއް ޓެސްޓް ހެދޭ ކަހަލަ ކެޕޭސިޓީ ހުރި ތަނަކަށް ފޮނުވަން ޖެހޭނީ" ސައީދު ވިދާޅުވިއެވެ.

އެގޮތުން ބޮޑަށް ބެލެވެނީ ފޮނުވާލަން ޖެހޭނީ މާލެއަށް ކަމަށާއި މިވަގުތު އައްޑޫގެ ހާލަތު ހުރިގޮތުން އައްޑޫއަށްވެސް ފޮނުވެން ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ކޮވިޑް-19 ފެތުރެން ފެށީ ދުބާއީގައި ހުރެފައި ފުވައްމުލަކަށް ކަރަންޓީންވުމަށް ދިޔަ މީހެއްގެ ފަރާތުންނެވެ. ފުވައްމުލަކުން މިވަގުތު 11 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހްމަދު

    ފުވައްމުލަކުގެ ރައްޔިތުންނަށް އަޅުގަނޑުގެ އިލްތިމާސް ކަންތައް ބޮއްސުން ލުމުގެކުރިން ތިއަށްވުރެ އަވަހައް ތިކަން ކުރުމަށް ސަރުކާރަށް ޕްރެސަރުކުރަންވީ.

    11