ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ، އެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.

އިސްލާމިކް މިނިސްޓްރީން އެ ސިޓީ ކައުންސިލަށް ފޮނުވި އެންގުމުގައި ވަނީ އެ ސިޓީގައި ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް މިއަދު އަސްރު ނަމާދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް، އެ ސިޓީގެ ހުރިހާ މިސްކިތަެއްގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް ދަންނަވާ ކަމަށެވެ.

މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތްތަކުގައި ހަމަ އެކަނި ބަންގި ގޮވުމަށާއި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން ކަމާއި ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

މާލެ ފިޔަވައި ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިހާރު އެންމެ ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން އަންނަ އެއް ރަށަކީ ފުވައްމުލަކެވެ. ފުވައްމުލަކުގައި އުފެދިފައިވާ އިހަލުން (ކްލަސްޓާ) ގައި މިހާތަނަށް 11 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ފުވައްމުލަކުގައި ކޮވިޑް-19 ފެތުރެން ފެށީ ދުބާއީގައި ހުރެފައި ފުވައްމުލަކަށް ކަރަންޓީންވުމަށް ދިޔަ މީހެއްގެ ފަރާތުންނެވެ.