އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ލެބޯޓްރީން ކޮވިޑް-19 އަށް 10،000 ޓެސްޓު ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މާލެ ފިޔަވައި ދެވަނައަށް ކޮވިޑް-19 އަށް ޓެސްޓް ކުރަން ފެށި އައްޑޫގައި މި ބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ މިދިޔަ މަހުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.

އޭއީއެޗުން ބުނީ، މިއަދަކީ ކޮވިޑް-19 ޓެސްޓް ހަދަ ފެށިފަހުން 10،000 ޓެސްޓް އެ ހޮސްޕިޓަލަށް ހެދުނު ދުވަސް ކަމަށެވެ.

އައްޑޫއަކީ މާލެ ފިޔަވައި ދެވަނަ އަށް އެންމެ ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނަ އެއް އަތޮޅެވެ. އައްޑޫގައި މިވަގުތު ކޮވިޑް-19ގެ ދެ އިހާ އުޅޭއިރު، އޭގެ ތެރޭގައި ހިމެނެނީ އޭވިއޭޝަން އިހާ އާއި ހުޅުމީދޫ އެމްޓީސީސީ އިހާއެވެ.

އޭވިއޭޝަން އިހާއާއި ގުޅޭ 300 އަށްވުރެ ގިނަ މީހުން މިވަގުތު ފާހަގަވެފައިވާއިރު، އެ އިހަލުން 28 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި އެމްޓީސީސީ އިހާ އަށް ނިސްބަތްވާ 26 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އައްޑޫއިން ކޮވިޑް-19ގެ ވޭދަނަތައް ފެނުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ރަށަށް އަރާ ފޭބުން މަނާކޮށް، ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ.