ކޮވިޑް-19 އިން ރައްކާތެރިވުމަށް އައްޑޫސިޓީން 650 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން ހާމަ ކޮށްފިއެވެ.

އޭއީއޯސީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރ މުހައްމަދު މުންޝިދު ވިދާޅުވީ، އައްޑޫގައި އެންމެ ފުރަތަމަ ވެކްސިން ދޭން ފަށާފައިވަނީ ކުރީސަފުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށާއި އޭގެ ފަހުން މިހާރު އުމުރުން ދުވަސްވީ މީހުންނަށް ދޭން ފަށާފައިވާ ކަމަށެވެ.

މުންޝިދު ވިދާޅުވީ، މިވަގުތު އައްޑޫއިން 650 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. އައްޑޫއިން 650 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވާއިރު، މިވަގުތު ވެކްސިން ޖެހުމުގެ ޕްރޮގްރާމް ހުއްޓިފައިވަނީ ވެކްސިން ދޭނެ އުމުރުފުރާއާއި ގުޅޭގޮތުން އެޗްޕީއޭއިން ނިންމުންތަކެއް ނިންމަދެން ކަމަށް މުންޝިދު ވިދާޅުވިއެވެ.

ވެކްސިންގެ ކަންކަން މިވަގުތު ހުއްޓިފައި އޮތްނަމަވެސް، އޭއީއެޗުން ވަނީ 80 އަހަރުން މަތީގެ މީހުންނަށް ހޮނިހިރު ދުވަހު ވެކްސިން ޖަހާނެ ކަމަށް އިއުލާނު ކޮށްފައެވެ.

އައްޑޫގައި 650 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ވެކްސިން ދީފައިވާއިރު، މިހާތަނަށް ރާއްޖެއިން ވެކްސިން ދިން މީހުންގެ އަދަދު ވަނީ 25،327 އަށް އަރާފައެވެ. އޭގެ ތެރެއިން 20،960 މީހަކަށް މާލެ ސަރަހައްދުން ވެކްސިން ދީފައިވާއިރު، 4،367 މީހަކަށް ވެކްސިން ދީފައިވަނީ އަތޮޅު ތެރެއިންކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ.ޕި