ކޮވިޑް-19 ފެތުރެމުން އަންނަ ފުވައްމުލަކުން ފައްސިވި މީހުންގެ ތެރޭގައި ހިރާސް ބޮޑު (ހައިރިސްކް) ދެމީހުން ހިމެނޭ ކަމަށް ފުވައްމުލައް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަ ކޮށްފިއެވެ.

އެ ސެންޓަރުން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފުވައްމުލައް ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތް ވޯކާ އާމިނަތު އަހުމަދު ވިދާޅުވީ، ފުވައްމުލަކުން ފައްސިވެފައިވާ 11 މީހުންގެ ތެރޭގައި ހިރާސްބޮޑު (ހައިރިސްކް) ފަރާތްތައް އުޅޭ ކަމަށެވެ.

އާމިނަތު އަހުމަދު ވިދާޅުވީ، ހިރާސް ބޮޑު، އެކި ގޮތްގޮތަށް ބެލެވޭ ކަމަށާއި އެހެން ކަމުން މިވަގުތު އެރަށުން ފައްސިވި މީހުންގެ ތެރޭގައި ދާއިމީ ބަލިތަކަށް ބޭސް ފަރުވާ ކުރާ ދެ މީހަކު އެބަ ތިބި ކަމަށެވެ.

"ދާއިމީ ބަލިތަކަށް ފަރުވާ ކުރާ ދެ މީހުން އެބަތިބި. އޭގެ ތެރޭގައި 65 އަހަރުން މަތީގެ ބޭފުޅެއްވެސް ހިމެނޭ" އާމިނަތު އަހުމަދު ވިދާޅުވިއެވެ.

މީގެ އިތުރުން ފަސް އަހަރުން ދަށުގެ އެއްކުއްޖަކުވެސް ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ ދުބާއީގައި ހުރެފައި އެރަށަށް ކަރަންޓީނަށް އައިސްފައިވާ މީހެއްގެ ފަރާތުންނެވެ. އޭގެ ފަހުން އެރަށުން ނެގި ސުންކު ތަކުގެ ތެރެއިން މިހާތަނަށް ޖުމްލަ 11 މީހަކު މި ބައްޔަށް ފައްސިވެފައިވާކަން ވަނީ އެނގިފައެވެ.

ފުވައްމުލަކުން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން އެރަށަށް އަރައި ފޭބުން މަނާކޮށް، ރަށުގެ މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ޑިޕިއުޓީމޭޔަރުގެ ގެއިން ތިޔަފަަަދަކަމަކަށްދޭންޖެހޭ މުހިންމުކަންނުދީރަށުތެރެއަށްބަލިފަތުރާލުމަކީބަަލައިގަނެވޭނެކަމެއްނޫން.ރައްޔިތުންގެކިބައިންމައާފަށްއެދެންޖެހޭނެ.