އައްޑޫ ސިޓީ ހިތަދޫ އިހަލުން (ކްލަސްޓާ) އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ސ. ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާއި ގުޅުން ހުރި އިހަލުން ކޮވިޑް-19 އަށް ފައްސިވި މީހުންނާ އެކު އެ އިހަލުން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރައިފައެވެ. މިހާތަނަށް އައިއިރު، މި އިހާއާ ގުޅުން ހުރި މީހުން ހިތަދޫގެ އިތުރުން، ފޭދޫ އަދި މަރަދޫ ފޭދޫ އަދި ގދ. ތިނަދޫން ވެސް ފެނިފައިވާ ކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ.

އެއީ އައްޑޫ އިން ފެނުނު 29 ވޭދަނަ އާއި ތިނަދޫން ކޮވިޑް-19 އަށް ފައްސިވި ތިން މީހުން ހިމަނައިގެންނެވެ.

އޭވިއޭޝަން ކްލަސްޓަ އުފެދިފައިވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންތަކެއް ސ. ގަމަށް އައިސް ބޭއްވި ޓްރެއިނިންއަކަށް ފަހުއެވެ. އެމީހުން ގަމަށް އައީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހާއްސަ ހުއްދައަކާ އެކުގައި ކަމަށްވެއެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި އެމީހުން އައްޑޫ އަށް އެރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރި އިރު، ނަތީޖާ ވަނީ ނައްސިވެފައެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) އިން ވިދާޅުވި ގޮތުގައި ހިތަދޫ އިހާ ނުވަތަ އޭވިއޭޝަން އިހަލުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 310 މީހުން ވަނީ ފާހަގަ ކުރެވިފައެވެ. އެއީ 306 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

އައްޑޫގައި މިވަގުތު ދެ އިހަލެއް އޮތް އިރު، ހުޅުމީދޫގައި ވެސް ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓެއްގައި ކޮވިޑް ފެތުރި، ބަލި ޖެހުނު ބިދޭސީންގެ އަދަދު މިހާރު ވަނީ 26 އަށް އަރައިފައެވެ.

ދެ އިހަލުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 56 އަށް އަރައިފައެވެ. އޭގެ ތެރެއިން އެއް ބިދޭސީއަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

ރާއްޖެ އިން މިހާތަނަށް 17،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި 15،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 56 މީހަކު ވަނީ ނިޔާވެފައެވެ. މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން ދަނީ 2،000 އަށް ވުރެ ގިނަ މީހުންނެވެ. އޭގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެނީ އެޑްމިޓްކޮށްގެންނެވެ.