ޖިންސީ ގޯނާގެ މައްސަލަތަކުގައި ގާނޫނު ތަންފީޒު ކުރަން ޖެހޭނީ އެންމެންގެ މެދުގައި ހަމަހަމަކަމާ އެކު ކަމަށް ވިދާޅުވެ، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ޓުވީޓު ކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ އެ ޓުވީޓު ޑިލީޓްކޮށްލައްވައިފިއެވެ.

ޖެންޑަ މިނިސްޓަރު އެގޮތަށް ޓުވީޓެއް ކުރެއްވީ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ރޭޕްކުރި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ހިނގަނިކޮށް ބޭރަށް ފުރުވައިލި މައްސަލައިގައި ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލައި، އޭނާ އިނގިރޭސި ވިލާތަށް ފުރުމުގެ ހުއްދަ ދިނީ ބޭސްފަރުވާއަކަށެވެ.

އެކަން ހިނގާފައި ވަނިކޮށް ޖެންޑަ މިނިސްޓަރު ވަނީ ދެ ޓުވީޓެއް ކުރައްވައިފައެވެ.

އެއް ޓުވީޓުގައި މިނިސްޓަރު ވިދާޅުވީ ޖިންސީ ގޯނާ ރިޕޯޓް ކުރަނީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ކަމަށެވެ. އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދެވޭނީ ހުރިހާ ފަރާތްތައް ގުޅިގެން ކަމަށާއި އަދި ގާނޫނު ތަންފީޒު ކުރަން ޖެހޭނީ އެންމެންގެ މެދުގައި ހަމަހަމަކޮށް ކަމަށް އެ ޓްވީޓްގައިވެއެވެ. އެކަމަކު، މި ޓުވީޓު ކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ އޭނާ ވަނީ ޓުވީޓު ޑިލީޓް ކުރައްވައިފައެވެ.

އެކަމަކު، މި ވާހަކަތައް އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އަދިވެސް ފެންނަން އެބަހުއްޓެވެ.

އާންމުންނަށް ފެންނަން އިން ޓުވީޓުގައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި އަނިޔާލިބޭ މީހުންނާއި ތުހުމަތު ކުރެވޭ މީހުންނަށް އިންސާފު ހޯދުމުގެ މައިގަނޑު އަސާސަކީ ވަކި ފަރާތަކަށް ނުޖެހި އަދި ދެގޮތެއް ނުވެ، މައްސަލަތައް ބަލައި ހިންގޭނެ އިޖްރައާތެއް ގާއިމް ކުރުން ކަމަށެވެ.

އަލީ ވަހީދަށް ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އޭނާ ފުރާވަޑައިގަތް މައްސަލައިގައި ސަރުކާރުން ވިދާޅުވެފައި ވަނީ އޭނާ ފުރާވަޑައިގެންނެވި ކަން އެނގުނީ މީޑިއާ އިން ކަމަށެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ އަލީ ވަހީދުގެ ޕާސްޕޯޓް ކުރިން އޮތީ ހިފަހައްޓައިފައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އެއްބަސްވީ، ޕީޖީ އޮފީހުން ބުނާ ގޮތުގައި، ޑޮކްޓަރުގެ ބަހަށެވެ.

ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޖާމިނުވާނެ (ޒިންމާ އުފުލާނެ) ފަރާތެއް ހުށަހެޅުމުން ކަމަށެވެ. މިއީ، ޒިންމާވާނެ ފަރާތެއް ހުށަހަޅައި، މިފަދަ ސީރިއަސް މައްސަލައެއްގައި ހިމެނޭ މީހަކު ބޭސްފަރުވާ އަށް ދޫކޮށްލި ފުރަތަމަ ފަހަރެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އައްސަދު އަލީ (އަޑުބަރޭ)އެވެ.

އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ކޯޓުން އޭނާއަށް ފުރަން ހުއްދަ ދިނީ ރަނގަޅަށް ކަމަށް ގަބޫލު ނުކުރާ ކަމަށާ އަދި އެ ނިންމުން އިސްތިއުނާފް ނުކުރެވެނީސް އޭނާ ފުރައިވަޑައިގަތީ ކަމަށެވެ.

އަލީ ވަހީދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވި އިރު، މީގެކުރިން އެ ގައުމުން ވަނީ އަލީ ވަހީދަށް ހިމާޔަތް ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަބަރޭ

    ޢެން ވިދާޅުވާނީ އަޅުގަޑުގެ ޓުއިޓާ އެކައުންޓް ހެކްކުރީއޭ ކަމަނާ މިޢީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން އިންތިހާޔަށް އޮތް ސަރުކާރެއް ކަން މިހިރަދަނީ ހާމަވަމުން

    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    19
  2. ނުރަބޯ

    ފުރާ ވަޑައިގަތީއެ؟

    10
  3. ހަނި

    މަގަމަޓަ ކާއި ބިރުގަތީތޯ ހަދަ ފިޑިއޭ ޙިތްވަރެތްނެތް