ދިވެހި ދައުލަތަށް ޓެކްސްގެ ގޮތުގައި 20.5 މިލިއަން ޑޮލަރު ދެއްކުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުޏްނަށް ދިވެހި ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފި އެވެ.

އިންޑިއާގެ އިކޮނޮމޮކްސް ޓައިމްސް ނޫހުގައި ބުނެފައިވާ ގޮތުގައި މީރާއިން އިން ޖީއެމްއާރަށް ނޯޓިސް ފޮނުވާފައި ވަނީ ވިޔަފާރީގެ ފައިދާގެ ޓެކްސްގެ ގޮތުގައި 14.4 މިލިއަން ޑޮލަރާއި ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި 2.8 މިލިއަން ޑޮލަރު އަދި ޖޫރިމަނާގެ ގޮތުގައި 3.3 މިލިއަން ޑޮލަރު ދެއްކުމަށެވެ.

ނަމަވެސް މި ފައިސާ ދެއްކުމަށް އެންގި އެންގުން ގަބޫލު ނުކުރާ ކަމަށާއި މިކަމާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބަހަކަށް މަޑުކުރާ ކަން ޖީއެމްއާރްގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.

އެއާޕޯޓް ޖީއެމްއާރު އަތުން އަތުލި މައްސަލާގައި ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ޖީއެމްއާރަށް ދައްކަން ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ދިވެހި ސަރުކާރުގެ މައްޗަށް އަމުރުކޮށްފަ އެވެ. އެ ފައިސާ ރާއްޖެއިން މިހާރު ވަނީ ޖީއެމްއާރަށް ދައްކައި، ނިންމައިފަ އެވެ.

ނަޝީދުގެ ސަރުކާރުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ 28 ޖޫން 2010 ގައެވެ. އަދި އެ އެގްރީމެންޓް ނިމުމަކަށް ގެނެސްފައިވަނީ 27 ނޮވެމްބަރު 2012 ގައެވެ.

ޖީއެމްއާރު ކުންފުނި އަތުން އެއަރޕޯޓު ހޯދައި، އެތަނުގެ ހިންގުމާއި އެމްއޭސީއެލް ހަވާލުވި އަހަރު، އެމްއޭސީއެލްއަށް ފައިދާގެ ގޮތުގައި އެއް ބިލިޔަން ރުފިޔާ ލިބުނުކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގެވުމާ ދިވެހި ސަރުކާރުން ހަވާލުވިފަހުން، ދިވެހި ސަރުކާރުން ވަނީ އެއަރޕޯޓް ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭނެއް އިޢުލާނުކުރައްވައި އެކަމުގެ ޢަމަލީ މަސައްކަތް ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖެއިން ކިޔަމަންތެރިކަމާއެކު، ފައިސަާ ޖީ.އެމް.އާރ. އަށް ދެއްކިއަސް، ނަމަވެސް، ޖީ.އެމް.އާރ. ޢަކުން އެފައިސާ އެހާފަސޭހަ ގޮތަކަށް ނުދައްކާނެ! އެއީ އިންޑިޔާގެ މަޝްހޫރު ޖީ.އެމް.އާރ. ޢެއްނުން! ދެއްކިއްޔާ ނޫނީ ޤަބޫލު ނުވެސް ކުރާނަން!

  2. ކުންފުނީގެ ނަމާއި ޝަފަށްވެސް ތިފަދަ ދަރަންޏެއްގައި ހުރުން ރަގަޅެއްނޫން ރައްޖެއިން ދެއްކީ 270 މިލިއަން ޑޮލަރު ކަހާބިހި ހިރުވާވެސް ނުލާ މިތިބީ ޖީއެމް އަރުން 20 މިލިއަން ޑޮލަރު ނުދައްކަންވީކީއްވެ ވަގުތުން ދައްކާ ދެއަތްފޮޅާ ސަލަމަތްވޭ ތިއީ ދިވެހި ގައުމަށްވުރެ މަބޮޑު ކުންފުންޏެއް އެއްމެ 20 މިލިއަން ޑޮލަރުގެ ޙައްގުގައި ކުންފުނީގެ އަގު ވެއްޓިދިއުން މާގެއްލުން ބޮޑު އެކަމު ބުނަން ތިއީ ވަރަށް ޑަކު ބައެއް ރުހުމުގައި ނުދައްކާނެކަންވެސް އެގޭ