މިއަހަރުގެ ފިތުރުއީދުގެ ހަނދު ސާބިތުކުރުން މިމަހުގެ 13 ވާ ބުދަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޑީޖޭއޭއިން ކުރި އިއުލާނެއްގައި ވިދާޅުވީ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ރަމަޟާން 1439 ( 13 ޖޫން 2018 ) ވާ ބުދަ ދުވަހުގެ ހަވީރު 17:30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ސިޓީކައުންސިލް އިދާރާ ތަކާއި، އަތޮޅުކައުންސިލް އިދާރާތައް އަދި ރަށު ކައުންސިލްއިދާރާތަކާއި އެރަށެއްގެ އަވަށުއޮފީސްތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

އަދި އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށާއި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސް ދޭނީ އެރަށެއްގެ ކައުންސިލްގެ އިދާރާ ނުވަތަ އެރަށެއްގެ އަވަށު އޮފީސް ހިންގުމާ ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށް ޑީޖޭއޭގެ އިއުލާނުގައި ވެއެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޓެކްސީ ޚަރަދު ދޭނެ ކަމަށްވެސް އެ ޑިޕާޓުމެންޓުގެ އިއުލާނުގައި ވެއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ދިމާވީ މެއި މަހުގެ 16 ވަނަ ދުވަހާއެވެ. ޖޫން މަހުގެ 13 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހަށް ވާއިރު ކަލަންޑަރުގައިވާގޮތުން މިމަހުގެ 14 ވަނަ ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕިސްޕިސް

    މިފަހަރުވެސް ފަލަކީ އިލްމަށް ބަލާ އެހެރުން ހުންނާނީ ތާހިރު ވެފައި. މިފަހަރު ރޯދަ ހިފަންފެށީވެސް ފަލަކީ އަށް ބަލަގެއް އެއްދުވަސް ކުރިން.

  2. ނުރަބޯ

    އެކަމަކާ ޑީޖޭއޭ އަކާ ކޮން ބެހޭކަމެއް؟ އިސްލާމިކް އެފެއާރޒް މިނިސްޓްރީ ކޮބާ.....؟؟؟