ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އަކީ ޖިހާދަށް ދާން ތައްޔާރަށް ހުރި މީހެއް ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓު ސޫޒަން އިބްރާހިމްފުޅު ދިމާކުރުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ދެ ކުޅުންތެރިންގެ ދިފާއުގައި ނުކުންނަވައިފިއެވެ.

އެމްޑީޕީ ވުޖޫދަށް އައީއްސުރެ މިއަދާ ހަމައަށް އެ ޕާޓީގެ ނުފޫޒު ގަދަ މަގާމުތަކުގައި މަސައްކަތް ކުރި ސޫޒަން އިބްރާހިމްފުޅު، އޭނާގެ އަމިއްލަ ޓްވިޓަ އެކައުންޓުގައި ރައްޓެއްސަކާ ހަވާލާދީކަމަށް ބުނެ ލިޔެފައިވަނީ ޖިހާދަށް ދާން ތައްޔާރަށް ތިބި ބަޔަކު ފުޓުބޯޅަ ކުޅޭތަން ބަލަން ދާނެތޯ އާއި އެމީހުން ކުޅޭތަން ބަލަން ދާނެ ބަޔަކު ތިބިތޯ ސުވާލު އުފައްދާފައެވެ. އެކަމަކު، އޭނާ މިހާރު ވަނީ އެ ޓުވީޓު ނުފެންނަ ގޮތަށް ހަދައިފައެވެ.

ދެ ކުޅުންތެރިންގެ އަގު ވެއްޓޭ ގޮތަށް ސޫޒަން ވާހަކަ ދައްކަން ފެށުމުން ގިނަ ބަޔަކު ވަނީ ސޫޒަން އަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.

މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަޝްފާގާއި އަކްރަމަކީ ގައުމީ ދެ ބަތޮލުން ކަމަށެވެ. އަދި ތުނބުޅި އާއި ބުރުގާ އަޅާފައި ތިބޭ އެންމެންނަކީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ދެކޭ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މުޖުތަމައުއެއްގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުން. ހިޔާލު ތަފާތުވިޔަސް، އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކޮށްގެން އުޅެން ދަސް ކުރަން ޖެހޭ،" ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި މަހްލޫފް ވިދާޅުވިއެވެ.

ސޫޒަން ކުރި ޓްވީޓުގައި ވަކި މީހެއްގެ ނަން ފާހަގަކޮށްފައި ނުވީ ނަމަވެސް އޭނާ އެ ޓްވީޓު ކޮށްފައި ވަނީ ފުޓުބޯޅަ ކުޅުންތެރިޔާ އަޝްފާގްގެ އިތުރުން ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީގެ ފޮޓޯ އާންމު ކުރުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    މަނިކުފާން އަނގަ ނުހުޅުވާ އާދޭސް ކޮށްފަ . ތިޔަ ކަރަޕްޓް އަނގަ ހުޅުވީމަ ދުވަނީ ކުނި ޑަލަރު ވަހޭ، ކައިރީގަ ހުރެ ނޭވާލީމަ ނޭފަތުން ދުވަނީ ސަރޖަރީ ކުރި ޑޮލަރުގެ ކުނިވަހޭ؟މަނިކުފާނަށް އެމްޑީޕީ އަދިވެސް ދަސް ނުވަނީތޯ ނޫނީ ހަމަ ރީލޯޑް ލިބިލައްވާތީ އެމްޑީޕީ އިން ކުރާ ލާދީނީ ކަންތައް ނުފެންނަނީތޯ ނޫނީ އަޑުވެސް ނީވެނީތޯ

    27
    6
  2. މޫސަ

    އެވާހަކަ ސޫޒަން ކައިރީ ދެއްކީ ބެސްޓް ފްރެންޑް މާޔަންއަށް ވެދާނެ. ފީފާ މަގާމަކަށް ލާގެން ނުވީމަ ވަރަށް ހޮޑުލަވާފަތާ ހުންނާނީ ވެސް

  3. ސަންފަ

    މަހްލޫފް ބުންޔަސް ޜަނގަޅު ވާހަކައެއް ވާނީ ރަނގަޅު ވާހަކައަކަށް. ޢެހެން އިންސާނަކަށް އަނގަވެސް ހުޅުވާލާކަށް ނުކެރުނެއްނު. މަހްލޫފް ވާ ޙައްޤު ބަސް ބުނެފި.ސާބަސް މަހްލޫފަށް.

  4. އާސިދާ

    މީނާ ހަމަބާ

  5. ސާފުވެއްޖެ

    މުޖުތަމައުގަ އުޅޭނެ ތަފާތު ފިކުރުގެ މީހުން އެކަމަކު އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމް ކޮށްގެން އުޅެން ދަސްކުރަންވާނެ "މަހުލޫފް" ތަފާތު ފިކުރަށް އިހްތިރާމް ކުރުމުގެ ހިއްވަރު ހުރިބަޔަކު އުޅޭތަނެއްނޫން މިގައުމަކީ ފިކުރު ތަފާތުވި މީހުން އަދިވެސް ވީތަނެއްނޭނގިގެން ހޯދަމުންދަނީ ސާފުވެއްޖެ

  6. ތުއްރަވާސް

    މީނަވެސް މިބުނަނީ ހަމަ އެހެން. ޢެކަމަކު އެންމެނެއް ނޫނޯ... ބައެއް މީހުނޯ... ކީކޭ މި ކިޔެނީ...