ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.

އަރީފްގެ ޝަރީޢަތް ކެންސަލް ކުރި ސަބަބެއް އެއްވެސް ފަރާތަކުން ހާމަ ކުރައްވާފައެއް ނުވެއެވެ. މީގެ ކުރިން ވެސް އަރީފްގެ މައްސަލަ ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފައި ވެއެވެ.

އަރީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުމުގެ ކުރިންނާއި އޭގެ ފަހުން ވެސް ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގެ ކުރިން އެ ކަމަށް ދުރާލައި އަރީފް ތައްޔާރުވި ކަމަށާއި އަދި ފުލުހުންގެ ތެރޭގައި އޮންނަ އުސޫލުތަކާ ޚިލާފަށް އޭނާ ބޭނުންވާ ބައެއް ފުލުހުންތަކެއް، ފެބްރުއަރީ 1 ގެ އަމުރު ނެރެންވާ އިރަށް މަގުމައްޗަށް ނެރެން ތައްޔާރުކުރި ކަމަށް ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާގައި ވިދާޅުވެފައިވެއެވެ.

އަރީފްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަރީފްގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރ ރިޓަޔާޑް އަބްދުﷲ ރިޔާޒްގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.

ރާއްޖޭގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު މިހާތަނަށް ފަސް ބޭފުޅުން ކުރެއްވިއިރު އޭގެތެރެއިން ދެބޭފުޅުން މިހާރު ތިއްބެވީ ޖަލުގައެވެ. އެއީ އަރީފް އާއި އަބްދުﷲ ރިޔާޒެވެ.