ސިފައިންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއަރ ރޭންކުގެ އަންހެން ދެ އޮފިސަރަކު އައްޔަންކޮށްފިއެވެ.

ސިފައިންގެ ލަފާދޭ މަޖިލީހަށް އައްޔަން ކުރި އަންހެން ސީނިއަރ ދެ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމެވެ.

މި އޮފިސަރުންގެ ތެރެއިން ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީންއަކީ ސިފައިންގެ ކޯޕަރޭޓިވްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. އަދި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމަކީ ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާއެވެ.

ސިފައިންގެ ޤާނޫނު ނަންބަރު 2008/1 ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުން ސިފައިންގެ ލަފާދޭ މަޖިލީހަކީ ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމުގައި ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް މަޝްވަރާ އާއި ލަފާ ދިނުމަށް ސިފައިންގެ ލަފާދޭ މަޖިލީހެއް، ސިފައިންގެ އިސް އޮފިސަރުންގެ ތެރެއިން މިނިސްޓަރު ޢައްޔަން ކުރަންވާނެއެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް އޮފް ޑިފެންސް ފޯސް އެވެ.

އަދި މި މާއްދާގެ (ށ) ގައި ސިފައިންގެ އިދާރީ ކަންކަމުގެ ސިޔާސަތު ކަނޑއެޅުމުގައި މި މާއްދާގެ (ހ) ގައި ބުނެފައިވާ މަޖިލީހުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް ހަމައެކަނި މަޝްވަރާ ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ދިފާޢާ ސަލާމަތާބެހޭ ކަންކަން ކުރުމަށް މަސްއޫލުވާ ވުޒާރާގެ އެންމެ އިސް ވެރިންގެ ތެރެއިން މިނިސްޓަރަށް ފެންނަ ބަޔަކު ބައިވެރިކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެން ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮވިޑް

    ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން މޭމް އަކީ ޤާބިލް ، ކެރޭ ، ހީވާގި މޭމް އެއް ޕްރައުޑް އޮފް ޔޫ މޭމް

    11
    1
  2. ސސ

    މައިން ބަފައިން ދަރިން ބަލާ ބޮޑުކޮށް ތައުލީމާއި ތަރުބިއްޔަތު ކުރަނީ މައިން ބަފައިން މުސްކުޅިވާއިރު ދަރިން ރަގަޅު ވަޒިފާގައި ތިބެގެން މައިން ބަފައިންނާއި އަޅާލާ އެމީހުނަށް ހެތެރިކަން ފޯރުކޮށްދިނުމަށް، އެކަން އެގޮތަށްވާނީ ތަފާތު ކުރުމެއްނެތި ހުރިހާމީހުނަށް ވަޒީފާލިބި ވަޒީފާވެސް އަދާކޮށްގެން ، ހުރިހާ ބޭފުޅުންނަށް ކާމިޔާބަކަށް އެދެން !