ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހިމާއި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީޢަތް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.

ނަޖުމާ އާއި އަޒްމީގެ މައްޗަށް ދައުލަތުން ކުރި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާގެ އަޑު އެހުން 11:00 އަށް ތާވަލު ކުރި ނަމަވެސް، މައްސަލަ ކެންސަލް ކުރިކަން ނޫސްވެރިންނަށް އަންގާފައިވަނީ މެންދުރު 12:15 ގައެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވީ ނަޖުމާ އާއި އަޒްމީގެ ޝަރީޢަތް ކެންސަލް ކުރީ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ. ދެމީހުންގެ ޝަރީޢަތް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ އެއްކޮށެވެ.

ނަޖްމާ އާއި އަޒްމީ މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރީ ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ދިން ކަމަށް ތުހުމަތުކުރާ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅޭ މުހިންމު ހެކިތަކެއް ހުރި ކަޅު ފޮއްޓެއް ނަޖުމާގެ ގެއިން ފެނުނު ކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.

ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް ނަޖުމާ އާއި އަޒުމީގެ މައްޗަށް އަންނާނެ އެވެ. ނަޖްމާ އާއި އަޒްމީ މިހާރު ވެސް ތިބީ އެ މައްސަލާގައި ބަންދުގަ އެވެ. އަޒްމީ ޖަލު ބަންދުގައި ހުރި އިރު ނަޖުމާ ހުރީ ގޭ ބަންދުގަ އެވެ.

ނަޖުމާ އާއި އަޒުމީގެ މައްސަލައިގެ ޝަރީއަތް ކެންސަލް ކުރިއިރު، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފްގެ މައްސަލައިގެ މިއަދުގެ ޝަރީއަތްވެސް ވަނީ ކެންސަލް ކޮށްފައެވެ.