ސަރުކާރުގެ ޕަޕެޓެއް މޭޔަރުގެ ގޮނޑީގައި ބައިންދައިގެން ސަރުކާރުން ދިން މިންވަރެއް ލިބިގެން ތިބުމަކީ މާލޭގެ ރައްޔިތުންނަށް މިއަދު ހެޔޮ ގޮތް ކަމުގައި އެ ރައްޔިތުން ބަލައިނުގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް އިސް ސަފުގައި ކުރިން އުޅުއްވި ރުކުމާ މިހެން ވިދާޅުވީ، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ދޮރުން ދޮރަށް ހަރަކާތަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވައެވެ.

މީގެ ކުރިން މާލެ ސިޓީގެ ކައުންސިލަރު ކަން ވެސް ކުރެއްވި ރުކުމާ ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މާލެ ކައުންސިލަށް ދޭން އޮތް ކުޑަ ބަޖެޓްގެ ތެރެއިން ވެސް މާލޭގެ ރައްޔިތުންނަށް ބޮޑު މަންފާއެއް ލިބޭނެ މަސައްކަތްތައް ކުރެވޭނެ ވިސްނުމާއި ގާބިލްކަން ހުރި ބޭފުޅަކަށް ފުރުސަތު ދެއްވައިފިނަމަ ނަތީޖާ ނެރެދެވޭނެ ކަމަށް ރުކުމާ ވިދާޅުވިއެވެ.

މި ސަރުކާރު އައި ފަހުން ދެ އަހަރު ދުވަހެއްހާ މުއްދަތު ވެގެން ދިޔައިރު އެމްޑީޕީގެ ވައުދުތަކާ އެއް ގޮތަށް އަމަލުތަކުން ފެންނަން ނެތުމުން މިއަދު އުއްމީދު ގެއްލިގެން ގޮސްފައިވާ ކަމަށް ރުކުމާ ވިދާޅުވިއެވެ. ގާކޮށްޓާއި އަރަބިއްޔާ ފްލެޓްތަކުގެ ލޯނު ދައްކަން ޖެހޭ ފަރާތްތަކަށް ސަރުކާރަށް އުއްމީދެއް ނުދެވުނުއިރު، އެއްވެސް ސަބަބެއް ދެއްކުމެއް ނެތި ފްލެޓް އަތުލި ނިކަމެތި ރައްޔިތުންނަށް "އަނިޔާ" އެއް ދީފައިވާ ކަމަށް ރުކުމާ ވިދާޅުވިއެވެ.

"ސަރުކާރުން ދިން ވަރެއް ދޭން ދެން ތިބޭކަށް މާލޭގެ ރައްޔިތުންނެއް ބޭނުމެއް ނޫން. މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރު ވަކާލާތު ކުރާނެ މޭޔަރެއް މާލޭގެ ރައްޔިތުން ބޭނުން ވަނީ، ސަރުކާރުގެ ޕަޕެޓެއް ގޮނޑިއެއްގައި ބައިންދައިގެން ދެއްވި މިންވަރު އެއީ ރަނގަޅު މިންވަރު ކަމަށް ބަލައިގަންނާކަށް މާލޭގެ ރައްޔިތުން ބޭނުމެއް ނޫން،" ރުކުމާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރު ގެއްލުވާލައިފިނަމަ މާލޭގެ ރައްޔިތުން އިތުރަށް ނިކަމެތިވެގެން ދާނެ ކަމަށް ރުކުމާ ވިދާޅުވިއެވެ. އެހެންކަމުން ކައުންސިލް އިންތިޚާބު މުއިއްޒަށް ކާމިޔާބު ކޮށްދެއްވަން ކުރެވެން ހުރި މަސައްކަތެއް ކުރައްވާނެ ކަމަށް ރުކުމާ ވިދާޅުވިއެވެ.

މުއިއްޒަށް ތާއީދު ކުރައްވަން ނިންމައި ރޭގެ ވަގުތެއްގައި އިއުލާން ކުރެއްވުމާ ގުޅިގެން މިއަދު މުއިއްޒުއާ ބައްދަލު ކުރައްވައި މަޝްވަރާތައް ކުރެވުނު ކަމަށް ރުކުމާ ވިދާޅުވިއެވެ. މި ގޮތުން މާލޭގެ ހުރިހާ މައްސަލައަކަށް ހައްލު ގެނެސްދެއްވުމަށް މުއިއްޒުގެ ބޮޑު ޕްލޭނެއް އެބަ އޮތް ކަމަށާއި އެ ތަންފީޒު ކުރެއްވުމަށް މުއިއްޒުއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ރުކުމާ ވިދާޅުވިއެވެ.

"އަޅުގަނޑު ވެސް މަޑުން ނުހުރެ އަޅުގަނޑަށް ކޮށްދެވުނު ކަމެއް ޑރ.މުއިއްޒަށް ކޮށްދޭން އަޅުގަނޑު މި ނުކުތީ. މިއޮތްހާ ދުވަހު އެއްވެސް އެއްޗެއް ނުބުނެ ހަނު ހުރެފިން، އެކަމަކު އެމްޑީޕީއާ މެދު ގެންގުޅުނު އުއްމީދުތައް މިއަދު ގެއްލިއްޖެ، އަޅުގަނޑުގެ ގާބިލިއްޔަތު ހުރި މިންވަރަކުން ޑރ.މުއިއްޒަށް ވީހާ ވެސް ގިނަ ވޯޓް ހޯދައިދިނުމަށް އަޅުގަނޑާއި އަޅުގަނޑުގެ ފަރާތުން ކޮށްދެވެން އޮތް ހުރިހާ މަސަައްކަތެއް ކޮށްދޭނަން،" ރުކުމާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވި މުއިއްޒުގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހުމީއާއި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައަހާ

    ކަލޯ އަށް އޮޅުނީތަ؟ ތިވެސް ޕަޕެޓެކޭ. 7 އަހަރު މިނިސްޓްރީ ކަމުގައި ހުރެގެން ގައުމުދަވާލީ

  2. ދޮންމިޔަރު

    ސާބަހޭ ރުކޫ ތިޔައީ މާލޭދަރިޔެއް މާމަދަރިންނާއި ކާފަދަރިންގެ މުސްތަގްބަލް ވެސް ކަފުން ކޮއްފައި ޕާޓީގެ ހައްގުގައި އަމިއްލަ ނަފްސް އާއި އާއިލާ ވިއްކާލާ މީހަކައް ވޯޓް ލާކައް މިހާރު މާލޭގެ ރައޔިތުމީހަ ބޭނުމެއްނޫން ތިހެން އެޅިހާބަތަކައް ރިހަ އެޅި ދުވަސް މާޒީވެގެން ހިގައްޖެ ރައްރަށުގެ މީހާޔައް ގޯތިވެސް ލިބޭ ނުވީތާކައް މާލޭން ފުލެޓްވެސް ގާނޫނުގަ އެބުނާ ހަމަހަމަކަން ނުފެންނަ ރައްޔިތުންގެ ހައްގުތައް ހޯދާ ނުދެވޭ މޭޔަރެއް ބޭނުމެއް ނުވޭ

  3. ސަކީލް

    ހެޔޮނުވާނެ މިމީހާއަށް މާލޭގެ މޭޔަރުކަން ދޭން. މީވެސް އަނިޔާވެރިއެއް. ފްލެޓުން ވައްކަންކޮށްފައިވާ މީހެއް. ޕީޕީ ސަރުކާރުގައި މީނަ ފްލެޓް ދިނީ ބައިލައްކަ ރުފިޔާ ދިން މީހުންނަށް. މިވެސް ރިސްވަތު ކައިގެން ހުރި ލާދީނީއެއް.