މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ކާފިއު އިއުލާންކޮށްފައި އޮންނަ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ފުލުހުން ހުޅުވާލައިފިއެވެ.

ފުލުހުން ވިދާޅުވީ މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ޕޮލިސްގެ ޕަރމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ އިންތިޒާމު މިހާރުވާނީ ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން، ހުއްދަ ދެވޭނެ ކަންކަމަކީ އިމަރޖެންސީ؛ ޑިއުޓީ ނުވަތަ މަސައްކަތަށް ދިއުމާއި އައުމަށް؛ އެއަރޕޯޓް ޓްރާންސްފަރ؛ ކާބޯތަކެތި ޑެލިވަރކުރުމަށް ކެފޭ/ރެސްޓޯރެންޓުތަކަށް އެކަނި ކަމަށާއި މިކަންކަމުގައި ބޭރަށް ނިކުތުމަށް އެދޭ ފަރާތްތަތަކަށް އެކަމުގެ ހުއްދަ ދިނުނަށް ހަމަޖެހިފައިވާކަމަްއ ފުލުހުން ވިދާޅުވިއެވެ.

ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް މި ލިންކު ބޭނުން ކޮށްގެން ހުއްދައަށް އެދެވޭނެ އެވެ.

ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް ގްރޭޓަރ މާލެ އޭރިއާގައި ކާފިއު ގަޑި ވަނީ އިތުރު ކޮށްފައެވެ. އަދި 6:00 އިން ފެށިގެން ހެނދުނު 6:00 އަށް ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވަން ކުރިއަށް އޮތް ދެ ހަފްތާއަށް ވަނީ މަނާ ކޮށްފައެވެ.

މި ފިޔަވަޅު އަޅަން ނިންމާފައި ވަނީ މިހާރު މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެންނެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން ގިނަބަޔަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.