ޏ. ފުވައްމުލައް ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންގެ އަދަދު 600 އަށްވުރެ މައްޗަށް އަރައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު ފުވައްމުލައް ސިޓީ ކައުންސިލާއި ހޮސްޕިޓަލުން ގުޅިގެން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުވައްމުލައް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތް ވޯކާ އާމިނަތު އަހުމަދު ވިދާޅުވީ، މިހާތަނަށް އެރަށުން ފައްސިވެފައިވާ މީހުންނާއި ބައްދަލުވެފައިވާ މީހުންގެ އަދަދު 620 އަށް އަރާފައިވާ ކަމަށާއި އެއީ އެރަށަށް ބަލާއިރު، ވަރަށް ބޮޑު އަދަދެއް ކަމަށެވެ.

"ކޮންޓެކްޓް ޓްރޭސިންގެ އަދަދު މިވަނީ 620 އަށް އަރާފައި. މިއީ ފުދޭވަރަކަށް ބޮޑު އަދަދެއް." އާމިނަތު އަހުމަދު ވިދާޅުވިއެވެ.

އާމިނަތު އަހުމަދު ވިދާޅުވީ، މިއަދު އެރަށުން 137 ސުންކު ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދަތުރުވެރިންގެ 4 ސުންކު، ފްލޫ ކްލިނިކަށް ދެއްކި 12 ސުންކު، މާލެއިން އައިސް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން 31 ސުންކު، އަދި ފައްސިވެފައިވާ މީހުންނާއި ބައްދަލުވެފައިވާ 90 މީހެއްގެ ސުންކު ހިމެނެއެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ދުބާއީން އެރަށަށް ކަރަންޓީނަށް ގޮސްފައިވާ މީހެކެއެވެ. އޭގެ ފަހުން އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

އެ ސިޓީގައި ކޮވިޑް ފެތުރެމުންދާތީ މިހާރު އެ ސިޓިގައި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ސިޓީގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ވަނީ ކާފިއު ހިންގަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު