އައްޑޫ ކައިރިން ދަތުރު ކުރަމުންދިޔަ "އެމްވީ ޑެރްބީ" ނަމަކަށް ކިޔާ ކާގޯ ބޯޓެއްގެ ތެރެއަށް ވެއްޓުނު ފަޅުވެރިއަކު މަރުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އައްޑޫގެ އިރުދެކުނުން 165 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދިޔަ މި ކާގޯ ބޯޓުގެ ތެރެއަށް ވެއްޓިފައިވަނީ ބިދޭސީ ފަޅުވެރިއެއް ކަމަށެވެ.

އެ ބިދޭސީ މީހާ ވެއްޓިގެން އަވަސް ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވަނީ މިއަދު މެންދުރު 12:26 އެހާކަންހާއިރު ކަމަށާއި އެވަގުތުން ފެށިގެން ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުގެ ހުއްދައާއި އެކު ބޯޓު އައްޑޫ އާއި ދިމާލަށް ކައިރިކޮށް، ކަނޑުމަތިން ބިދޭސީ މީހާ ކޯސްޓު ގާޑުގެ ލޯންޗުގައި އައްޑޫ ސިޓިއަށް ގެންދިއުމުގެ މަސައްކަތް ކޮށްފައިވަނީ މީގެ ކުޑައިރު ކޮޅެއް ކުރިންނެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ބިދޭސީ މީހާ އަދި ހޮސްޕިޓަލަށް ނުގެންނަ ކަމަށާއި ހޮސްޕިޓަލަށް ރިޕޯޓް ކޮށްފައިވަނީ މަރުވެގެން ގެންނަ މީހެއްގެ ގޮތުގައި ކަމަށެވެ.

"މިކޮޅަށް ރިޕޯޓް ކޮށްފައިވަނީ ޑެޑް ބޮޑީއެއްގެ ގޮތަށް. ހޮސްޕިޓަލަށް އެ ގެންނަނީ މަރު ޔަގީން ކުރަން ސެޓްފިކެޓުން. މިކޮޅު މޯޗަރީއަށް ގެންނާނީ" މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވާ ބިދޭސީ މީހާގެ ހަށިގަނޑު ފޭދޫ ބަނދަރުން ނަގައިގެން ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގެ މޯޗަރީއަށް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.