ހުޅުލޭ ފަޅުތެރެއަށް މިއަދު ޖައްސަން އުޅުނު މަންޓާ އެއާގެ ސީ ޕްލޭނެއް ވެއްޓުނު ހާދިސާގައި ދެމީހަކަށް އަނިޔާވި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ސީޕްލޭން ވެއްޓުނު ހާދިސާގައި އެކެއްގެ ކޮނޑުހުޅު ނެއްޓި އިތުރު މީހެއްގެ ކޮނޑަށް އަނިޔާވިއެވެ. ސީޕްލޭން ވެއްޓުނު އިރު ތިން ފަޅުވެރިންނާއި ހަ ފަތުރުވެރިން އޭގައި ތިއްބެވެ. މީގެ ތެރެއިން އަނިޔާވީ ކްރޫންނަށް ކަމެއް ނުވަތަ ފަތުރުވެރިންނަށް ކަމެއް އަދި ރަސްމީ އިދާރާއަކުން ސާފުކޮށެއް ނުދެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ވިދާޅުވީ އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށެވެ. އެކްސިޑެންޓާ ގުޅޭ ތަހުގީގު ކުރިއަށްދާކަމަށް ވެސް އެމްއޭސީއެލް އިން ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
މަންޓާ އެއާ އިން ނެރުނު ބަޔާނެއްގައި ބުނީ ސީޕްލޭން ވެއްޓުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސީޕްލޭން ރަންވޭގައި ޖައްސަން އުޅެނިކޮށް ކަމަށެވެ. ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން އަދި އެއްވެސް މައުލޫމާތެއް އެއެއާލައިނުން ވެސް ހާމައެއް ނުކުރެ އެވެ. މަންޓާ އިން ބުނީ ފަސިންޖަރުންނާއި ކްރޫންގެ އާއިލާތަކަށް މި ހާދިސާގެ މައުލޫމާތު އަންގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ.
"މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ފަސިންޖަރުންނާއި ކްރޫންގެ އާއިލާތަކަށް މި ވަގުތަށް ބޭނުންވާ އެހީތެރިކަން ދިނުމަށެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
ހާދިސާއާ ބެހޭ މައުލޫމާތު ސާފުވަމުން ދިޔަ ވަރަކަށް ހާމަކުރަމުން ގެންދާނެ ކަމަށް ވެސް މަންޓާ އިން ބުންޏެވެ.
ތިއެއްޗެހިތައް ހުޅުމާލޭ ގެތަކާދިމާލުން އުދުހުމަކީވެސް ވަރަށް ބިރުގަންނަ ކަމެއް!
އާއިލާ ތަކަށް އެހީތެރި ވާށޭ.. މާނަޔަކީ..