މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުގައި އޮންނަ މާލޭގެ ވިޔަފާރި ބަނދަރުގައި ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާ އިންޑިއާ އަށް ފުރުވާލުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލަކު މިއަދު "ވަގުތަށް" ވިދާޅުވީ އެމްޕީއެލްގައި ހިނގި ހާދިސާގައި ޒަހަމްވި މީހާ އަށް އަދިވެސް ފަރުވާދެނީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށެވެ. އަދި މިއަދާ ހަމައަށް އައިއިރު ވެސް އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އެމީހާ ބޭރަށް ގެންދިއުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އެބަދޭ، އަދި ނޭނގެ ކޮންއިރަކު ކަމެއް ފުރުވާލެވޭނީ،" އޮފިޝަލް ވިދާޅުވިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެ ޒުވާނާ ގެންދިއުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށެވެ. އަދި މިދިޔަ ހުކުރު ދުވަހު އިންޑިއާ ހައި ކޮމިޝަނުން ވަނީ އެ ޒުވާނާ އިންޑިއާ އަށް ގެންދިއުމަށް ވިސާ ވެސް ހަމަޖައްސައި ދީފައެވެ.

ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓިގެން އަނިޔާވެފައި ވަނީ ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، އަށެވެ.

މި މަހުގެ ކުރީކޮޅު އަނިޔާވި އިމްރާންގެ ގިނަ އޮޕަރޭޝަންތަކެއް ފުރިހަމަ ކުރި އިރު، އޭނާގެ ހާލު އަދިވެސް ސީރިއަސްއެވެ. މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގައި މަސައްކަތްކުރަމުން އައި މަޖޫރީއަށް ލިބުނު ގެއްލުންތަކާ ބެހޭ ތަފުސީލެއް އައިޖީއެމްއެޗް އިން އަދި ހާމައެއް ނުކުރެއެވެ.

މަޖޫރީގެ ގައިމައްޗަށް ކާޕެޓް ރޯލް ވެއްޓުނީ ބުރާސްފަތި ދުވަހުގެރޭ މި މަހުގެ ފަސް ވަނަ ދުވަހުގެރޭ ދަންވަރު ކްރޭނެއް ބޭނުންކޮށްގެން ދޯންޏަކަށް އެ އަރުވަނިކޮށެވެ.

އެމްޕީއެލް އިން ވިދާޅުވީ މިހާދިސާއާ ގުޅިގެން އެތަނުގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމިޓީން އެ މައްސަލަ ބަލައި ނިމެންދެން މިނާ އިންވެސްޓްމަންޓާއި އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ދަށުވެގެން ދާދި ފަހުން ވަނީ ދިވެއްސަކު ވެސް ނިޔާވެފައެވެ.