ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ބ. އޭދަފުއްޓަށް އެރި މީހަކު ޖޫރިމަނާ ކުރުމަށް ފަހު 10 ދުވަހުގެ މުއްދަތުގެ ކަރަންޓީންކޮށްފިއެވެ.

އެރަށު ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން "ވަގުތު" އަށް މިއަދު ވިދާޅުވީ ގެސްޓްހައުސް ހިންގާ ރަށެއް ކަމަށްވާ ބ. ކަމަދޫ އިން ކަރަންޓީން ވުމެއް ނެތި މެދު އުމުރުގެ ޒުވާނެއް ރަށަށް އަރާފައިވާ ކަން އެނގުނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެމީހާ ތިން ދުވަސް ވަންދެން ރަށު ތެރޭގައި އުޅުނު ކަމަށްވެއެވެ.

އެ ޝަކުވާ ކަައުންސިލް އިދާރާއަށް ހުށައެޅުމާ އެކު ބ.އަތޮޅު ހޮސްޕިިޓަލް ގުޅިގެން މިމީހާ ކަރަންޓީންކޮށް ކޮވިޑްއަށް ޓެސްޓްކުރިއިރު ނަތީޖާ ނައްސި ކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި އެޗްޕީއޭގެ ލަފާގެމަތިން އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގެސްޓްހައުސް ހުންނަ ރަށްތަކުން ގެސްޓްހައުސް ނުހުންނަ ރަށްތަކަށް ދަތުރުކުރުމަށް ވަކި ޚާއްސަ އުސޫލެއް އެޗްޕީއޭއިންވަނީ ނެރެފައެވެ. އެއުސޫލު ބުނާގޮތުން ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ނެތް ރަށަކަށް އެރޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށެވެ. ޒަރޫރީ ބޭނުންތަކަށް ދާ މީހުން އެރަށެއްގެ ކައުންސިލްގައި ރަޖިސްޓްރީ ވާންޖެހެއެވެ.

އޭދަފުށިން އިއްޔެ ވަނީ ކޮވިޑް-19 އަށް ހަ މީހަކު ފައްސިވެފައިއެވެ. އެއީ އެއް ގެއެއްގައި ކަރަންޓީންގައި ތިބި މީހުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު