ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ތަރި އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ ޓީމުގެ މިހާރުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާ ދިމާކޮށްލާ މޭރުމަކުން ވާހަކަ ދެއްކި ސޫޒަން އިބްރާހިމް ފަދަ އެމްޑީޕީގެ އެކްޓިވިސްޓުން ކުރިއަށް ނެރޭ އަމަލުތަކަކީ އެ ޕާޓީގެ ލީޑަރުން ދައްކަވާ ނަމޫނާ ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ވުޖޫދަށް އައީއްސުރެ މިއަދާ ހަމައަށް އެ ޕާޓީގެ ނުފޫޒު ގަދަ މަގާމުތަކުގައި މަސައްކަތް ކުރި ސޫޒަން އިބްރާހިމްފުޅު، އޭނާގެ އަމިއްލަ ޓްވިޓަ އެކައުންޓުގައި ރައްޓެއްސަކާ ހަވާލާދީކަމަށް ބުނެ ލިޔެފައިވަނީ ޖިހާދަށް ދާން ތައްޔާރަށް ތިބި ބަޔަކު ފުޓުބޯޅަ ކުޅޭތަން ބަލަން ދާނެތޯ ސުވާލުކޮށްފައެވެ. އެކަމަކު، އޭނާ މިހާރު ވަނީ އެ ޓުވީޓު ނުފެންނަ ގޮތަށް ހަދައިފައެވެ.

ދެ ކުޅުންތެރިންގެ އަގު ވެއްޓޭ ގޮތަށް ސޫޒަން ވާހަކަ ދައްކަން ފެށުމުން ގިނަ ބަޔަކު ވަނީ ސޫޒަން އަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.

ސޫޒަންގެ އެ ޓްވީޓް ފެންނަ ސްކްރީންޝޮޓްއަކާ އެމްޑީޕީގެ އިސް ދެ ލީޑަރުން ކަމުގައިވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ސޫޒަން ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވަމުން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލައާ ގުޅިގެން ސޫޒަން މައާފަށް އެދެން ޖެހޭ ކަމަށެވެ.

"ދިވެހި ގައުމަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް އިޙްތިރާމް ކުރަން ޖެހޭ، ކޮންމެ ގައުމެއްގަ ވެސް ފަޚްރުވެރިވާ ކަންކަމާއި މީހުންނަކީ އެ ގައުމެއްގެ އައިޑެންޓިޓީގެ ބައެއް، އެމްޑީޕީގެ އެކްޓިވިސްޓުން ކުރިއަށް ނެރެނީ އެ ޕާޓީގެ ލީޑަރުން ދައްކާ ނަމޫނާ، މައާފަށް އެދެން ޖެހޭ،" ޖަމީލް ވިދާޅުވިއެވެ.

ދަގަނޑޭ އާއި އަކޫގެ އަގު ވެއްޓޭ ގޮތަކަށް ވާހަކަ ދައްކާފައިވާތީ ސޫޒަންއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ ފުޓުބޯޅަ އެސޯސިއޭޝަން އެފްއޭއެމް އިން ވެސް ނޫސް ބަޔާނެއް ނެރުނެވެ. ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަދަ ބޭފުޅުން ވެސް ވަނީ އެ އަމަލު ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝައްފަ

    ސޫޒީއަކީ އިބޫއަށް ބޮޑުބޭބެކިޔާމީހެއް. ރޯޔަލް ރޭޕްޕްގެ މައްސަލަނުބެލެވުނީވެސް ފިރިހެންމީހާ އަކީއިބޫ އަށް ބޮޑުބޭބެކިޔާ މީހެއްކަމަށްވާ މަޖްލިސްމެމްބަރު ޖީހާންގެފިރިމީހާވީމާ. ވީމާ މިކޭސްއެއްނުބެލޭނެ. އެއީސޫޒަންއަކީ، "ހާރ ރޯޔަލް ހައިނަސް ޕްރިންސަސް އޮފް ހިންނަވަރު"ކަމަށްވާތީ. ފޮޓޯގަވެސް އެހެރީ،

    7
    1