ފުލުހުން "ޗުއްޓީ ބޭންކެއް" ތައާރަފް ކޮށް، ފުލުހަކަށް ނުވަތަ ފުލުހެއްގެ އާއިލާއަށް ދިމާވާ ޚާއްޞަ ބޮޑެތި ކަންކަމަށް ފުރިހަމަ މުސާރަ ލިބޭގޮތަށް އެކަށީގެންވާ މުއްދަތެއްގެ ޗުއްޓީ ލިބޭނެގޮތް ހަމަޖައްސައިފިއެވެ.

ވަޒީފާ އަދާކުރާ ފުލުހަކަށް ނުވަތަ ފުލުހެއްގެ އާއިލާއަށް ދިމާވާ ޚާއްޞަ ބޮޑެތި ކަންކަމަށް "ޗުއްޓީ ބޭންކް" ގެ ގޮތުގައި މުވައްޒަފުންގެ އަދަދަށް ޗުއްޓީ ޖަމާވެފައި ހުންނާނެކަމަށް ގަވާއިދަށް ގެނެވުނު އިސްލާހުގައި ބުނެފައިވެއެވެ. މީގެ ކުރިން މިފަދަ ހާލަތްތަކުގައި ލިބެނީ 10 ދުވަހުގެ ޗުއްޓީއެކެވެ.

ޗުއްޓީ ބޭންކަކީ ދިވެހިރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރި ކަމެއް ނަމަވެސް މިއީ ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި މަޤްބޫލު ނިޒާމެކެވެ. ޗުއްޓީ ބޭންކަކީ މުވައްސަސާގެ ހުރިހާ މުވައްޒަފުންގެ ޗުއްޓީއިން 1 (އެކެއް) ދުވަސް ޗުއްޓީ ބޭންކަށް ހަދިޔާ ކުރުމަށްފަހު ޚާއްޞަ މުވައްޒަފަކު ބަލިވެގެން ނުވަތަ ޚާއްޞަ ހާލަތެއް މެދުވެރިވެގެން ދިގު ޗުއްޓީއެއް ބޭނުންޖެހޭ މުވައްޒަފަށް ދެވޭ ޗުއްޓީއެކެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ، ޗުއްޓީ ބޭންކާއެކު ބޮޑެތި ކަންކަން ދިމާވާ މުވައްޒަފުންނަށް ފުލް މުސާރައިގެ ޗުއްޓީ ދެވޭނެ ދޮރެއް ކޮށިގެން ގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދާއި، ސަލާމް ބުނުމާއި ޗުއްޓީ ނެގުމުގެ ގަވާއިދަށް މިއަދު ގެންނެވި މި ބަދަލުތަކާއެކު ފުލުހުންނަށް އަހަރީ ޗުއްޓީގެ ގޮތުގައި މީގެ ކުރިން އަހަރީ ޗުއްޓީ ނުހިމަނައި ދެމުން އައި 30 ދުވަހުގެ ބަދަލުގައި މިހާރު ލިބޭނީ ބަންދު ދުވަސްތައް ހިމަނައިގެން 38 ދުވަހެވެ.

ހަމައެއާއެކު، 3 އަހަރުގެ ޗުއްޓީގެ ގޮތުގައި ޖަމާކުރާ 114 ދުވަހުގެ އިތުރަށް ލިބޭ ދުވަސްތަކަށް މީގެ ކުރިން މުސާރަ ނުދިން ނަމަވެސް، މި އިސްލާހާއެކު ޗުއްޓީގެ 114 ދުވަހުގެ އިތުރަށް ޖަމާވާ ޗުއްޓީގެ ދުވަސްތައް ޖަމާ ނުކުރެވޭތީ ބަދަލުގެ ގޮތުގައި އެ ދުވަސްތަކަށް މުސާރައިން ދުވާލަކަށް ޖެހޭމިންވަރު ފައިސާ ލިބޭނެއެވެ.

މީގެ އިތުރުންވެސް އެހެނިހެން ބައެއް ކަންކަމަށް މި ގެނެވުނު އިސްލާހުގެ ތެރެއިން ބަދަލު ގެންނަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝުކުރު

    ސާބަހޭ ނަވާޒޫބޭ