ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލަކުގައި އަޅާފައިވާ އުސޫލުތަކާއި ހިލާފުވެގެން މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ފުވައްމުލައް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް ނިޖާހު ވިދާޅުވީ، ފުވައްމުލަކުގައި އިއުލާނު ކޮށްފައިވާ ފިޔަވަޅުތަކާއި އުސޫލުތަކާއި ހިލާފުވެގެން 47 ފަރާތަތަކަށް ނަސޭހަތް ދީފައިވާ ކަމަށާއި އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ޖޫރިމަނާ ކޮށްފައިވަނީ ތަކުރާރުކޮށް ނަސޭހަތް ދީ އެކަން ރަނގަޅު ކޮށްފައި ނުވާ ފަރާތެއް ކަން ނިޖާހު ފާހަގަ ކުރެއްވިއެވެ.

"ޖޫރިމަނާ ކޮށްފައިވަނީ ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު، ރޭގެ ވަގުތެއްގައި ބޭރުގެ އުޅެފައިވަނިކޮށް" ނިޖާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް މަނާ ގަޑިއެއްގައި ވިޔަފާރި ކުރާ އެއްވެސް ތަނެއް ހުޅުވާފައި ނުވާ ކަމަށާއި އެފަދަ ތަނެއް ޖޫރިމަނާވެސް ކޮށްފައި ނުވާ ކަމަށެވެ.

ފުވައްމުލަކުން މިހާތަނަށް ކޮވިޑް-19 އަށް 20 މީހަކު ފައްސިވެފައިވާއިރު، އެސިޓީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ސިޓީގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ވަނީ ހިންގާފައެވެ.

މީގެއިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، އެރަށުގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން ހިމެނެއެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ފަރާތްތަކުން އިސްތިސްނާވާނެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، އެރަށުގެ ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.