ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ދިއުމަށް އެދިފައި އޮތްނަމަވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރެއް ނެރުނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލަން ހައިކޯޓުން ނެރުނު އަމުރު ޕްރޮސެކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވުމުންނެވެ.

ޖިހާދު ކޯޓަށް ޑޮކްޓަރުންގެ ލިޔުންތައް ހުށަހަޅައި އަދި އޭނާ އާއި ޖާމިނުވާނެ މީހަކު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވުމުން ވެސް އޭނާ އަށް ރާއްޖެ އިން ބޭރަށް ފުރައިގެން ދެވޭނެ ގޮތް ހަދަން ދައުލަތުން ވަނީ ދެކޮޅު ހަދާފައެވެ.

ނަމަވެސް 13 މުވައްޒަފަކަށް ޖިންސީ ގޯނާކުރުމުގެ ހަތް ދައުވާ އަކާއި ކުރިމަތިވި ކުރީގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައެވެ. ކުޑަކުއްޖަކާއި ޖިންސީ ގުޅުން ހިންގަން އޮއްވާ ހައްޔަރު ކުރި ހޯރަ އިއްބެގެ ޖަލު ޙުކުމް ވެސް ތިން ދުވަހަކަށް ކުރުކޮށްދީ ރައީސް ޞާލިހް ވަނީ އޭނާ ވެސް މިނިވަން ކޮށްފައެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވިދާޅުވެފައި ވަނީ ޖިހާދު ފުރުން މަނާކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ހައިކޯޓުން ކަނޑައެޅި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާތީ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު މައްސަލައަށް ގޮތެއް ކަނޑައަޅަންދެން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ ދަށުން ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރުނީ ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފިނަމަ، އޭނާ އަނބުރާ ރާއްޖެ ނައުމުގެ އިޙްތިމާލު އޮތްކަމުގައި ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާތީ އާއި އަދި އިސްތިއުނާފު ކޮށްފައިވާ އެ އަމުރާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ޖިހާދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާ ނުކޮށްފިނަމަ، އެ އަމުރު ނެރެފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅާ ޙާލަތުގައި، އެއިގެ ބާރުވެރިކަން ނުހިނގާފަދަ ޙާލަތެއް ކުރިމަތިވުމުގެ އިޚްތިމާލު އޮތަތީ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ ވަކިގޮތަކަށް ސުޕްރީމް ކޯޓުން އަންގަންދެން، ޖިހާދުގެގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި އަމުރުކުރާކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލައިގެ އަޑުއެހުމެއް މިރޭ ބާއްވަން ސުޕްރީމް ކޯޓުން ވަނީ ތާވަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޗޮއްކޮ

    ކޮންމެ ވެސް ދުވަހަކުން މި މީހުންނާއި ވެސް އިންސާފު އަރާ ހަމަކުރާތަން ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެ

    33
    2
  2. ނަމަ

    އަނެންކާ އޮޅުމަކުންބާ

    22
    2
  3. ޖޫދު

    އޮރިޖިނަލް ސަދޫމް ޖަސްޓިސް. މިދުވަސް ދާދި އަވަހަކަށް ހިނގާދާނެ އިންޝާއަﷲ

    34
    3
  4. ސަރުކާނު

    ޖިހާދުގެ ޕާސްޕޯޓްބާ؟ އޮޅޭވަރުން އަހާލީ؟ އަނެއްކާ ސްޕްރީމް ކޯޓުބާ؟ މިހާރު ވެއްޖެ މިނިސްޓްރީ އޮފް އޮޅިގެންކުރާކަނތައްބަލާ މިނިސްޓްރީއެއް އުފައްދަން. މިނިސްޓްރީ އޮފް މިސްއަންޑަސްޓޭންޑިންގ އެންޑް މިސްއިންޓްރޕްރިޓޭޝަން.

    26
    2
  5. ކަތަލީނާ

    ކޮބާ މީނަގެ ޙައްޤު! މިހެން ޝަރީޢަތެއް ނުބާއްވާ އަމުރު ނެރޭނަމަ ދެން ކީއްކުރާ ފަނޑިޔާރުންނަކާ ފަނޑިޔާރުގޭގެ ބޮޑު ޢިމާރާތަކާ މުވައްޒަފުންނެއް! މިއީ ކުރެވޭނެ ކަމެއްކަމަކަށް ދިވެހި ރައްޔެތުން ގަބޫލެއް ނުކުރޭ! މިހާރުގެ ސުޕްރީމްކޯޓު މަށަށް ކަމުދޭ، އެކަމަކު ޓުއަރިޒަމް ވަޒީފާގެ ހުކުމާ މިކަމުން ތި ދައްކައިދެނީ އަދި މި މީހުންވެސް ރަނގަޅަށް ތަސައްރަފު ނުފުދޭކަން! ކިތަންމެ ފޮނިވެފަ އަރާ ސުވާލުރިއަސް! އާންދެން ނޭނގެންޏާ ކުރާނީވަކިކީއް! ލޫސިން ރެސްޕެކްޓް! އިމްޕުރޫވް ކުރޭ!

    3
    1
  6. ހާލުފޮޅި

    އަލީ ވަހީދުގެ ޕާސްޕޯޓް އެކަނިދޯ ނުހިފެހެއްޓެނީ...

    3
    2
  7. އިސްމާޢީލް

    ހުސްނުއްސޫ އިސްކޮށްހުރެ މިހިއްގާ ޖަރީމާތައް ނިމުން ވަރަށްގާތް.

    2
    2