ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަސްޕެންޑް ކުރި ގޮތަށް އޭގެ ފަހުން ތިން މަހަށްވުރެ ގިނަ ދުވަސްވީއިރު އަދިވެސް އޭނާގެ ސަސްޕެންޝަން އުވާނުލައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުރިއަށް ދާތީވެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދޭން އެދިއްޖެއެވެ.

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޓިކެޓުގައި އުތީމު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އަބްދުﷲ ރަޝީދު ސަސްޕެންޑްކޮށް އޭނާއާ އެއްވެސް މުއާމަލާތެއް ނުކޮށް ގޭގައި ބަހައްޓާފައި ހުންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި އާދަމް ޝަރީފް ފޮނުއްވާފައިވާ ސިޓީއެއްގައިވަނީ، މިހާތަނަށް އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުގެ ފަރާތުން އެލްޖީއޭއަށް ފޮނުއްވާފައިވާ ދެ ސިޓީއަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަބްދުﷲ ރަޝީދުގެ އިތުރުން ކައުންސިލްގައި މިހާރު ހުންނެވީ އެންމެ ކައުންސިލަރަކު ކަމަށާއި އެ ގޮތަށް ވުމަކީ ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކެނޑިގެން ދާނެ ކަމެއް ކަމަށް ސިޓީގައިވެއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ބަލައިދެއްވުމަށް އާދަމް ޝަރީފް އެދިވަޑައިގެންފައިވެއެވެ.

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޝަންގައި ހުންނެވި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިއިރު، މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވެގެން ގާނޫނު އަސާސީއަށް އިސްލާހު ގެނެސް އާ ކައުންސިލަރުން އިންތިޚާބު ކުރެވެން ދެން ދައުރު ދިގުކޮށްފައިވެއެވެ. މި މުއްދަތުގައި އަމަލު ކުރާނެ ޚާއްސަ ވަގުތީ ގާނޫނެއް ފާސްކޮށް އެ ގާނޫނުގައި ކައުންސިލަރުންގެ ބާރުތައް ކުޑަކޮށް އެލްޖީއޭއަށް ބޮޑެތި ބާރުތަކެއް ދެވިފައިވެއެވެ.