ދިވެހި ފިލްމީ ދާޢިރާގައި މަޝްހޫރު ކަން ހޯދާފައިވާ ހަސަން އަލި މަނިކު (ކޮއްޔަ ހަސަން މަނިކު) ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ފިލްމީ އިންޑަސްޓްރީގައި އެތައް ބައެއްގެ މަގުބޫލުކަން ހޯއްދެވި ރީކޯ މޫސާ މަނިކު ވިދާޅުވީ ކޮއްޔަ ހަސަން މަނިކު ކޮވިޑަށް ފައްސިވެފައިވާތީ އޭނާ އަށް އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވުމަށް އެދި ދުއާ ދަންނަވާ ކަމަށެވެ.

"ކޮވިޑް ރޯގާ ޖެހިގެން ފަރުވާ ހޯދަމުންދާ އަޅުގަނޑުގެ އަޚް އަދި ދިވެހި ފިލްމީ ދާއިރާގެ ޝަރަފްވެރި ފަންނާނެއް ކަމުގައިވާ ކޮއްޔަ ހަސަން މަނިކަށް އަވަސް ޝިފާއެއް ﷲ މިންވަރުކޮށްދެއްވުންއެދި ދުޢާ ކުރަން، މި ރޯގާ ޖެހިފައިވާ އެންމެހާ ރައްޔިތުންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި" ރީކޯ ވިދާޅުވެފައި ވެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދާއި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވެ އަދިވެސް ހާލަތު ދަނީ ގޯސްވަމުންނެވެ. އިއްޔެ ވެސް އިތުރު 112 މީހަކު ކޮވިޑް-19 އަށް ފައްސިވި އިރު 193 މީހަކަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ. ހޮނިހިރު ދުވަހުގެ ނިޔަލަށް ހޮސްޕިޓަލްގައި ފަރުވާ ދިނީ 190 މީހުންނަށެވެ.

މާލެ ސަރަހައްދުން 83 މީހަކު ވަނީ މިއަދު ކޮވިޑަށް ފައްސިވެފައެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުން 11 މީހަކު ރިސޯޓްތަކުން 14 މީހަކާއި، ތަރައްގީ ކުރަމުން އަންނަ ރަށަކުން އެކަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އިއްޔެ ރާއްޖެއިން ފައްސިވި މީހުންނާއެކު މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 17828 އަށް އަރާފައެވެ. މީގެ ތެރެއިން 15448 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮއްޔަ

    ކުރިޔަށް ކޮއްޔަ ލީކަން ނަޞީބެކެވެ. އެހެން ނޫންނަމަ ފޮޓޯ ބަލާފައި އޮޅުން އެރީހެވެ. ސަބަބަކީ ފޮޓޯގައި ތިބި ދެ މީހުންނަކީ ވެސް ޙަސަން މަނިކުން ކަމަށްވާތީ އެވެ. ކޮއްޔަ ޙަސަން މަނިކާއި، ރޯނުގޭ ޙަސަން މަނިކެވެ.