އިންތިގާލީ އިންސާފު ގާއިމް ކުރުމަށް އެކުލަވާލާފައިވާ އޮމްބަޑްސްޕާސަންސް އޮފީހުގެ މެމްބަރުންނަށް 30،000 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު ކޮމިޝަންތަކާއި އިދާރާތަކުގެ މެންބަރުންގެ މުސާރަ ކަނޑައެޅުމުގެ ބާރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމާފައި ވަނީ ޗީފް އޮމްބަޑްސްޕާސަންގެ މުސާރައަށް 37،500 ރުފިޔާ ދިނުމަށެވެ. އަދި އޭނާގެ ދަށުން ތިއްބަވާ ދެ މެންބަރުންނަށް 33،500 ރުފިޔާގެ މުސާރައެއް ދިނުމަށް ވެސް މަޖިލިހުން ފާސް ކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އެކުލަވާލާފައިވާ އެ ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރީ 40 މެންބަރުންގެ ވޯޓުންނެވެ. އެ ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ޗީފް އޮމްބަޑްސްޕާސަނުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވީ އަބްދުލް ސަލާމް އާރިފެވެ. އޭނާއަކީ އެމްޑީޕީގެ އިސް ހަރަކާތްތަކުގައި އަބަދުވެސް އުޅުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވެސް ވާދަކުރައްވައިފައެވެ. އެކަމަކު ޕްރައިމަރީއިން ނާކާމިޔާބުވެވަޑައިގަތެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ ވޭތުވެދިޔަ ތަނުގައި ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އިންތިޒާމުވެގެން ރޭވިގެން ވަރަށް ބޮޑު ބޭއިންސާފަކުން ރައްޔިތުންނަށް ދީފައިވާ އަނިޔާއާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ތަހުގީގުކޮށް އެ ކަންކަމުގެ ހަގީގަތާ ހަމައަށް ވާސިލްވެ އެ އަނިޔާތަކަށް އިންސާފާއި ހެޔޮ ބަދަލު ހޯދުމުގެ މަގްސަދުގައި ކަމަށް ބުނެ އެކުލަވާލާފައިވާ ގާނޫނެކެވެ.

އެ ގާނޫނުގައި އޮންނަ ގޮތުން 1959 ވަނަ އަހަރުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމާ ހަވާލުވަވަޑައިގަންނަވަން ދެން ހިނގާފައިވާ މުއްދަތުގައި ހިނގި މިފަދަ އެތައް މައްސަލައެއް ތަހުގީގު ކުރުމުގެ ބާރު މި އޮފީހަށް ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޫބޫ

    ދިވެހިބަހުން އަންބޮޑި ވެރިޔާ ކިއުން ރަނގަޅު ކަމަށް ފެނޭ. މިހެނީ މިކަލަކަށް މިސަރުކާރުން އުހައްދާފައިވާ މިބާވަތުގެ ވަޒީފާތަކުގެ މަގްސަދު ހާސިލެެއް ނުވޭ. ޢަންބޮޑި ބޮޑުވަނީ.

    11
    2