ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު، ފަލަސްތީނުގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން މިއަދު ފާސްކޮށްފިއެވެ.

މުހައްމަދު ހަލީލަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 40 މެންބަރުންގެ ވޯޓުންނެވެ. އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މިއީ ފަލަސްތީނަށް ރާއްޖެއިން ސަފީރަކު ކަނޑައަޅުއްވާ ފުރަތަމަ ފަހަރެވެ. ފަލަސްތީނަށް ރާއްޖެއިން ފުރަތަމަ ފަހަރަށް ސަފީރަކު ކަނޑައަޅުއްވަން ނިންމަވާފައިވާ ކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވެވި ރިޔާސީ ބަޔާނުގައެވެ.

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ޒަމާންވީ އެކުވެރި ގާތްގުޅުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއިދު ދެގޮތެއްނުވެ އެގޮތުގައި ދެމިއޮންނާނެ ކަމަށް ދިވެހި ސަރުކާރުން އަބަދުވެސް ދަނީ ބުނަމުންނެވެ. އދ. ގެ އާންމު މަޖިލީހުގައި ވެސް ރައީސް ސޯލިހް ވަނީ އެ ވާހަކަފުޅު ތަކުރާރު ކުރައްވައިފައެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިޒްރޭލްގެ ދައުލަތުން ގެންދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާ ދެމުންނެވެ. އިޒްރޭލުގެ މި އަމަލުތައް އަބަދުވެސް އެންމެ ހަރު އަޑުން ކުށްވެރި ކުރާ ގައުމަކީ ރާއްޖެއެވެ.

އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބި ސުލްހަ ގާއިމުކުރެވޭނީ އދ. ގެ ނިންމުމާ އެއްގޮތަށް ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ގާއިމުކުރެވޭ ފަލަސްތީނުގެ ދައުލަތާއެކު ކަމުގައި ދިވެހި ސަރުކާރުން އަބަދުވެސް ވަކާލާތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް

    ސަރުކާރަށް ވ ބ ޝުކުރިއްޔާ. ކޮވިޑްގެ މި ދަތިދުވަސްވަރުގައިވެސް ދިވެހިރާއްޖެއިން ފަލަސްތީނަށް ވަޑައިގަންނަވާ ބޭފުޅުން އިތުރުވެފައިވާތީވެ އެބޭފުޅުންނަށް އެހީތެރިވެދެއްވުމަށްޓަކައި ފަލަސްތީނަށް އެމްބެސެޑަރަކު އައްޔަންކުރައްވައި އެބޭފުޅާގެ ދަށުން މުވައްޒަފުންލައްވައި ބޮޑު ޚަރަދެއް ކުރައްވަން ނިންމެވީއެވެ.

    2
    2
  2. އަހްމަދު

    ދެންކިހާތަނެއްގަތޯ އިޒްރޭލަށް ސަފީރަކުހަމަޖައްސަވާނީ މާބޮޑަށްލަސްނުކުރައްވައި އެކަންވެސް ނިންމަވާލައްވަށްޗޭ