ގދ. ގައްދޫ ކައިރި ރަށަކަށް ދަތުރު ގޮސް އުޅެނިކޮށް އެތަނުގައި ހުރި ގެއެއްގެ ސީލިން ބޮލަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު މުހައްމަދު ފިރުޝާންގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އާއިލާއިން ބުނެފިއެވެ.

ފިރުޝާންގެ ބޯމައްޗަށް ސީލިންގް ވެއްޓިފައިވަނީ ރަހުމަތްތެރިންނާއި އެކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އެ އަތޮޅު ލޮނަދޫހުއްޓާއަށް ދަތުރު ގޮސްހުއްޓައި އެތަނުގައި ހުރި އިމާރާތެއްގެ ތެރޭ ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައެވެ.

މި ހާދިސާގައި ފިރުޝާނަށް ސީރިއަސް އެކި އަނިޔާތައް ވަނީ ލިބިފައެވެ. އެގޮތުން ކަނާތު ފައިގެ ތިން ތަނެއް ބިންދައިގެންގޮސް ހުރުމާއި އެކީ، އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން މިދިޔަ ހަފްތާގެ ތެރޭގައި ކުރި އޮޕަރޭޝަނުގައި ފިރުޝާންގެ ކަނާތު ފައި، ކަކުލު ހުޅަށްވުރެ ތަންކޮޅެއް މަތިން ވަނީ ބުރި ކޮށްފައެވެ.

މީގެ އިތުރުންވެސް އިތުރު ދެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް އާއިލާއިން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ފިރުޝާންގެ ދައްތަ ބުނީ، ފިރުޝާން އަދިވެސް އޮތީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށާއި، އަދި ފިރުޝާންގެ ހާލު ސްޓޭބަލް ނުވާ ކަމަށެވެ.

"މާބޮޑު އިމްޕްރޫވްމެންޓެއް ނާންނަ ކަމަށް ބުނަނީ" ފިރުޝާންގެ ދައްތަ ބުންޏެވެ.

ފިރުޝާންގެ ދައްތަ ބުނީ، މީގެ ކުރިން ފިރުޝާންގެ ބަނޑުގެ އޮޕަރޭޝަނަކާއި އަތުގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށާއި އެހެން ނަމަވެސް، ފުއްޕާމޭގައި ފެންހެދިފައި ހުރުމުން އެކަމަށް ބޭސްކުރަމުން އަންނާތީ އިތުރަށް ހާލަތު ގޯސްވެދާނެތީ އިތުރު އޮޕަރޭޝަނެއް ނުކުރާ ކަމަށެވެ.

ފިރުޝާންގެ ހާލު ކިޔައިދެމުން އޭނާގެ ދައްތަ ބުނީ، ފިރުޝާން އޮތީ ވެންޓިލޭޓަރުގައި އަތުންނާއި ފައިން ކުޑަކޮށް ހަރަކާތް ކުރެވޭ ކަމަށެވެ.

ފިރުޝާންގެ ހާލަތު ރަނގަޅު ނުވާތީ އާއި ކުރިއަށް އޮޕަރޭޝަންތަކެއް ކުރަން ޖެހޭތީ އާއިލާއިން ވަނީ ހެޔޮއެދޭ ފަރާތްތަކުން ފިރުޝާންއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް އެދިފައެވެ.

ފިރުޝާންއަކީ އެ އާއިލާގެ އެންމެ ބޮޑު ފިރިހެން ކުއްޖާއެވެ. މަންމަގެ ހަރަދާއި ދެ ކޮއްކޮގެ ހަރަދު ފިރުޝާން ކުރަމުން އަންނަނީ މަސްވެރިކަން ކޮށްގެންނެވެ.

_______________________________________

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން