މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި، ރ. މަޑުއްވަރި ޕޮލިސް ސްޓޭޝަނާއި، މ. މުލި ޕޮލިސް ސްޓޭޝަނާއި، ލ. އިސްދޫ ޕޮލިސް ސްޓޭޝަނާއި އަދި ސ. ގަން ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއިއެކު ފަސްމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ހިފައިގެން މީހަކު، ޅ.ހިންނަވަރު ބަނދަރު ސަރަހައްދުގައި އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މެއި 29 ވަނަ ދުވަހުގެރޭ ހިންނަވަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 7 ސެލޯފިންކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓް، އެމީހާ އެވަގުތު އެއްލައިލި ސިނގިރެޓް ފޮއްޓެއްގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއްނިންމުމަށް ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މީގެ އިތުރުން މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މެއި 31ވަނަ ދުވަހު ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހެކެވެ. މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ރަބަރު ޕެކެޓެއް މިމީހާގެ ފެނިފައިވާއިރު އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

މާލޭން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންނަ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މ. މުލި ޕޮލިސް ސްޓޭޝަނުންވެސް ވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ޖޫން 1ވަނަ ދުވަހު މ. މުލި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި 22 އަހަރުގެ މީހަކު ހައްޔަރުކޮށް، ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބޮޑު ސެލޯފިން ކޮޅަކާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ކުޑަ 2 ސެލޯފިން ކޮޅު މިމީހާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއްނިންމުމަށް މ. މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ވަނީދީފައެވެ.

ލ. އިސްދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ޖޫން 1ވަނަ ދުވަހު އިސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 33 އަހަރު މީހެކެވެ. މިމީހާ މަގުމަތިން ހުއްޓުވައި ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މިމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ސ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީދީފައެވެ

އައްޑޫ ސިޓީ މަރަދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، ޖޫން 2ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި 35 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިމީހާ ހައްޔަރުކޮށް، މިމީހާ ދަތުރުކުރާ ދޯނި ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 11 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 4 ސެލޯފިންކޮޅު، ދޯނީގައި އެމީހާ ބޭނުންކުރާ ފޮއްޓެއްގެ ތެރޭން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް، ސ. މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީދީފައެވެ.