ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، މި ބައްޔާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި، އެ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމުގައި ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.

އެ މަނިކުފާނު މި ކަމަށް އެދިވަޑައިގެންނެވީ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބްތަކުގެ ބައެއް އިސް ބޭފުޅުންނާއެކު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ރައީސް އޮފީހުން ވިދާޅުވީ ކުޅިވަރުގެ ފަންނުވެރިން، އަދި ޚާއްޞަކޮށް ޢާންމުންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ކުޅިވަރު ކުޅުންތެރިންނަކީ، ރައްޔިތުންގެ އިޙުތިރާމާއި ޤަދަރު ލިބިފައިވާ ބައެއް ކަމުގައި ރައީސް މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި ކަމަށެވެ.

އެހެންކަމުން، ޞިއްޙީ ޚިދުމަތްތެރިންނެކޭ އެއް ފަދައިން އެ ބޭފުޅުންނަށް ވެސް، ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައިވާ ގައިދުރުކަމާއި، މޭސްކު އެޅުމާއި، ޢާންމު ސާފުތާހިރުކަމުގެ ޢަމަލުތަކަށް ޢާންމުން ހޭލުންތެރިކޮށް، ނަމޫނާ ދެއްކުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ވެކްސިން ޖެހުމަށް ޢާންމުންނަށް ބާރު އެޅުމަށް ވެސް އެ ބޭފުޅުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުލަބުތައް ތަމްޞީލުކުރައްވާ ބޭފުޅުން ވަނީ، ދިވެހި ފުޓުބޯޅަ ލީގުގެ މެޗުތައް އަލުން ފެށުމާ ގުޅޭގޮތުން ވެސް އެ ބޭފުޅުންގެ ޚިޔާލުތައް ރައީސް އާއި ޙިއްޞާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. އަދި، މި ކަމުގައި ހުރި ގޮންޖެހުންތަކާއި، އެ ކަންކަން ހައްލު ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ކުލަބުތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ވާހަކަ ވެސް އެ ބޭފުޅުން ރައީސް އާއި ޙިއްޞާ ކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، ގުޅުންހުރި ވުޒާރާތަކާއި މަޝްވަރާކުރައްވާ، ބައްދަލުކުރެއްވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އެ މަނިކުފާނު ވަނީ ކުޅުންތެރިންނެކޭ އެއް ފަދައިން، ކުލަބުތަކުން ވެސް އިސްނަގައިގެން ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އެހެން މީހުންނަށް ވެސް އެކަމަށް ގޮވާލުމަށް އެދިވަޑައިގަންނަވާފައި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޮޅެއް

    ކުޅުންތެރިން ދިޔައީ ޝަކުވާހިފައިގެން.
    ކުޅުންތެރިން އަނބުރައި ގެއަށް ފޮނުވާލީ ސަރުކާރަށް ނުކުރެވިފައި އޮތް ބޮޑު މަސްއޫލިއްޔަތެއް ދީފައި.
    ކުޅުންތެރިންނަށް މިވަރުވީމާ އިނގޭނެދެން ދުވަހަކުވެސް ތިކަހަލަ ބައްދަލުވުމަކަށް އެދިގެން ކުރެވޭނެ ކަމެއް ނޯންނާނެކަން.

  2. ޑަބިޔާ

    ލަދުނުގަންނަކަން ތިހެންބުންނަން. ކުޅުންތެރިން ޖިހާދައް ދާން ބުނާއިރު އެކަން ކުއްވެރި ކޮއްލަން ނުކެރުނު. އަދިވެސް ގުދޯގުދޯ ގޮވަނީއ އެއްޗެއް ނުބުނެވުނީ ހެހެ

    16
  3. ރޯދަ މުބާރިކް

    ޢަސްލުވެސް ވ. ޙެއްވާ އިއްޒަތްތެރި ރައީސް...!!

  4. ހަހަހަ

    މީނަ މީ ހަމަޖެހޭ މީހެެއްތޯ ކޮންމެވެސް ބަޔަކު ބަލާބަލަ، މިކަލޭގެ ބޯބޭނުންކުރަނީ ފުނާއަޅަން އެކަނިހެން ހީވަނި، އަހަރެމެން ބަސްއަހައިގެން ގޭގަ ތިއްބާ ކަލޭ ވައްކަންކުރީ، ދެންރޯލާ