ރާއްޖޭގައި ކޮވިޑް-19އިގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދޭތާ 12 ހަފްތާ ތެރޭގައި ދެވަނަ ޑޯޒް ދޭނެ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ދާގޮތުގެ ތަފްސީލް ހާމަކުރައްވާ، ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން އޮޕަރޭޝަންގެ މުހައްމަދު ހަމްޒަތު ވިދާޅުވީ މިހާރު ލިބިފައިވާ ހުރިހާ ވެކްސިނެއް ވެސް ދޭނީ ފުރަތަމަ ޑޯޒްގެ ގޮތުގައި ކަމަށެވެ. ދެވަނަ ޑޯޒް ދޭން ފަށާނީ ފުރަތަމަ ޑޯޒް ދޭތާ ކިތައް ހަފްތާ ފަހުންކަން ކަނޑައަޅާނީ ރާއްޖޭގައި ކޮވިޑް-19 އާއި ގުޅުން ހުރި ކަންކަން ކަނޑައަޅާ ޑޮކްޓަރުން އެކުލެވޭ ޓެކްނިކަލް ޓީމުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ވެކްސިން ދިނުމުގެ މަސައްކަތް އެއްވެސް ހުރަހަކާއި ނުލާ ކުރިއަށް ގެންދެވޭނެ ކަމަށާއި، މި މަހު ފަހުކޮޅު އިތުރު ވެކްސިން ޑޯޒްތައް ލިބޭނެ ކަމަށް ހަމްޒަތު ވިދާޅުވިއެވެ.

"ފަހުގެ ދިރާސާތަކުން އެނގެނީ 12 ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް މި ޑޯޒް ދެވިދާނެ ކަމަށް. އެހެންވީމަ އަދި އެބައޮތް އަޅުގަނޑުމެންނަށް ވަގުތު. 1 ފެބްރުއަރީގައި މި ފެށުނީ. އެހެންވީމަ 12 ހަފްތާގެ މުއްދަތު އަޅުގަނޑުމެން މި ގަބޫލު ކުރަނީ އަޅުގަނޑުމެންނަށް ދެވޭނެ ކަމަށް ދެވަނަ ޑޯޒް ދޭން ޖެހޭ މުއްދަތުގައި. އެކަމާއި ގުޅޭ ޓެކްނިކަލް ބޭފުޅުން 4 ހަފްތާތޯ 12 ހަފްތާތޯ ކަނޑައަޅާނީ." އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިމަސް ތެރޭގައި ރާއްޖެ އަށް އިތުރު ވެކްސިން ލިބޭނެ ކަމަށާއި ނަމަވެސް ވެކްސިން ލިބޭނެ ސީދާ ތާރީޚެއް އަދި ދަންނަވަން ދަތި ކަމަށެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އިއްޔެ ރާއްޖެއިިން 5204 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. މީގެ ތެެރެއިން މާލެ ސަރަހައްދުން 3967 މީހެއްގެ ގަޔަށް ވެކްސިން ޖަހަފައިވާއިރު، ރަށްތަކުން 1237 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނަށް 43817 މީހެއްގެ ގަޔަަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 35289 މީހަަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 8429 މީހަކަށް ވެކްސިން ދީފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ. އަދި ރިސޯޓްތަކުން 49 މީހެެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސެންދީ

    ހަމްޒާކަށް ވަރަށް ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. އެއް ހަފްތާވެސް، ތިން ހަފްތާވެސް ހިމެނެނީ ބާރަ ހަފްތާގެ ތެރޭގައެވެ. އެހެން ކަމުން މިއަށްވުރެ ސްޕެސިފިކްކޮށް ސާފުކޮށް ދިނުން އެދެމެވެ. މިސާލު 1؛ 3 ހަފުތާއާއި 12 ހަފްތާއާއި ދެމެދު. މިސާލު 2؛ 4 ހަފުތާއާއި 12 ހަފްތާއާއި ދެމެދު. މިސާލު 3؛ 8 ހަފުތާއާއި 12 ހަފްތާއާއި ދެމެދު

  2. މުނައްވަރު

    ތީ 24ދުވަހުން 2ވަނަ ޑޯޒް ޖެހޭ އެއްޗެއް އެހެން ކަމުން މަޑުކުރެވޭނީ 25 ދުވަހާ ހަމަޔައް 2ވަނަ ޑޯޒް ޖެހެން ޖެހޭނެ އެވަރަށް ރިޒާވް ބަހައްޓައި

  3. ނަސް

    މިހާރު ހުރި އެތިކޮޅު ހުސްކޮށް ފައި އަލުން ލިބެންދެން މަޑެއް ނުކުރެވޭނެ

  4. ޗޮކޮސް

    ރަށްރަށުގައި ވެކްސިން ދިނުމުގެ ކަންތައްތައް ވަރަށް ދަށުގައި އުޅެނީ.