މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުގައި އޮންނަ މާލޭގެ ވިޔަފާރި ބަނދަރުގައި ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާ އިންޑިއާ އަށް ގެންގޮސްފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އެމީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް އިންޑިއާ އަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އެމީހާ އިންޑިއާ އަށް ގެންދިޔަ އިރު ވެސް ހާލު ވަރަށް ބޮޑަށް ސީރިއަސް ކަމަށްވެއެވެ. އެގޮތުން އޭނާ އަށް ފަރުވާދެމުން ގެންދިޔައީ އައިޖީއެމްއެޗް އައިސީޔޫގައެވެ.

ކާޕެޓް ރޯލެއް ގައިމައްޗަށް ވެއްޓިގެން އަނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، ގެންގޮސްފައި ވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށެވެ. އަދި މިދިޔަ ހުކުރު ދުވަހު އިންޑިއާ ހައި ކޮމިޝަނުން ވަނީ އެ ޒުވާނާ އިންޑިއާ އަށް ގެންދިއުމަށް ވިސާ ވެސް ހަމަޖައްސައި ދީފައެވެ.

މި މަހުގެ ކުރީކޮޅު އަނިޔާވި އިމްރާންގެ ގިނަ އޮޕަރޭޝަންތަކެއް ފުރިހަމަ ކުރި ނަމަވެސް އޭނާގެ ހާލު ސީރިއަސްއެވެ. މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގައި މަސައްކަތްކުރަމުން އައި މަޖޫރީއަށް ލިބުނު ގެއްލުންތަކާ ބެހޭ ތަފުސީލެއް އައިޖީއެމްއެޗް އިން ހާމައެއް ނުކުރެއެވެ.

މަޖޫރީގެ ގައިމައްޗަށް ކާޕެޓް ރޯލް ވެއްޓުނީ މި މަހުގެ ފަސް ވަނަ ދުވަހުގެރޭ ދަންވަރު ކްރޭނެއް ބޭނުންކޮށްގެން ދޯންޏަކަށް އެ އަރުވަނިކޮށެވެ.

އެމްޕީއެލް އިން ވިދާޅުވީ މިހާދިސާއާ ގުޅިގެން އެތަނުގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމިޓީން އެ މައްސަލަ ބަލައި ނިމެންދެން މިނާ އިންވެސްޓްމަންޓާއި އެ މަސައްކަތުގައި ބައިވެރިވި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ދަށުވެގެން ދާދި ފަހުން ވަނީ ދިވެއްސަކު ވެސް ނިޔާވެފައެވެ.