ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސްއެއް ރައްޔިތުންގެ މަޖިލީހުން ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިނިސްޓަރު މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސްއެއް މިހާރު ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ވަޒީރަށް ނޯޓިސްއެއް ފޮނުވަން ޖެހެއެވެ. އަދި އެ މައްސަލައަށް ބަހުސް ހިނގާ ވަގުތު ދިފާއުގައި ޖަވާބުދާރީވުމަށް މަސައްކަތް ކުރުމުގެ ހައްގު އެ ވަޒީރަކަށް ލިބިދޭން ޖެހޭ ކަމަށް ވެސް ގާނޫނުއަސާސީގައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި މަލީހްގެ އިތުބާރު ނެތް ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއިން ފާސްކުރިއެވެ. އެ ގްރޫޕް އިން ފާސްކުރީ މަލީހްގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ދެންނެވުމަށެވެ.

މި ގޮތަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއިން ފާސްކުރިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މިހާތަނަށް ވެސް މަލީހް މަގާމުން ވަކިކޮށްފައެއް ނުވެއެވެ. ދާދި ފަހަކުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ އެމްޑީޕީގެ 14 މެންބަރުންގެ ސޮޔާއެކު މަލީހްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދައިފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 10 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅޭނެއެވެ. އެކަމަކު އިތުބާރު ނެތް ކަމަށް ފާސްވާނީ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ޖުމުލަ އަޣުލަބިއްޔަތުންނެވެ. މިހާރު މަޖިލީހުގައި ޖުމުލަ 87 މެންބަރުން ތިއްބަވާއިރު ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާން 44 މެންބަރުންގެ ވޯޓު ބޭނުން ވާނެއެވެ. މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވައެވެ.

މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައި ވަނީ ޓެެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވައިދެއް ނުހެދުމާއި ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކު ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށެވެ. އޭގެ އެންމެ ބޮޑު ކަމަކަށް ފާހަގަކޮށްފައި އޮތީ އިންޓަނެޓްގެ ޚިދުމަތް ރަނގަޅު ނުވުމާއި އިންޓަނެޓްގެ އަގު ތިރި ކުރުމެވެ.

މި ކަމަށް ރައްދު ދެއްވަމުން މަލީހް ވިދާޅުވެފައި ވަނީ މިނިސްޓަރުގެ ޒިންމާތަކުގެ ތެރޭގައި އަދާނުކުރައްވާ ޒިންމާއެއް އަދި ކުރައްވަން ޖެހޭ ކަމެއް ނުކުރައްވާ ނުހުންނަވާނެ ކަމަށެވެ. މި ގޮތުން ގަރާރުގައި ފާހަގަކުރާ ގަވާއިދުތައް ވެސް މިހާރު ގެޒެޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޓަނެޓް އަގު ހެޔޮ ކުރުމަށް މިނިސްޓްރީގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކޮށްފައިވާ ކަމަށާއި ދެން އޮތީ ރައީސް އޮފީހުން އެ ކަން ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރުޅި ގަދަނުވޭ

    ކަމެއްނުވެ ތިމާމެން ފެއިލްވާން ފެށުމުން ރައްޔިތުންނަށް ކަމެއްކޮށްދޭން އުޅޭކަން ދައްކަން ފަހަރަކު މީހަކު ޤުރުބާން ކުރީމަ ރަގަޅުވާނެ. މިފަހަރު ޤުރުބާން ކުރަން ގޮޑެއްވެސް އެބައެއް އެ ގޮޑުން އެއްޗެއް އެއްލިޔަކަސް އަގަހުޅުވާލާނެ މީހަކު ނުހުންނާނެ.. މަލީހުމެން ކަހަލަ މީހުނަށް ތިކަހަލަލަޑު ހަމަ ލިބެންވީ...

  2. ހުސެން

    ގަޑި ހަމަވަނީ