ރ. އުނގޫފާރުގައި ތިން މަހުގެ އަންހެން ކުއްޖަކު މިއަދު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

މިއަދު ކުއްލިއަކަށް ނިޔާވެފައި ވަނީ އުނގޫފާރު ބީޗް ހެވަން، ސަލަމާ ބިންތު އަފްޒަލެވެ.

ސަލަމާ މިއަދު މެންދުރުފަހު 15:15 ހާއިރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

ނިޔާވި ކުއްޖާގެ އާއިލާ މެންބަރަކު ބުނީ ކުއްޖާ ނިންދަވާފައި ގޭގެ މީހުން ކޮޓަރިން ބޭރުގައި އުޅެފައި ކޮޓަރިއަށް ވަން އިރު ކުއްޖާ އަށް އޮތީ ހޮޑު ލެވިފައި ކަމަށާއި ވަގުތުން ހޮސްޕިޓަަލަށް ގެންދިޔައިރު ވެސް ކުއްޖާ ނިޔާވެފައިވާ ކަމަށެވެ.

އުނގޫފާރުގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ ކުއްޖާގެ ބައްޕަ ދަރިފުޅު ގޮވައިގެން ގޭދޮރުމަތީ ހޮސްޕިޓަލަށް ނުދެވި ހުއްޓާ ހޮސްޕިޓަލަށް ގެންގޮސްދިނީ ސައިކަލެއްގައި ދިޔަ އަންހެނެވެ.

އުނގޫފާރު ކައުންސިލް މެމްބަރަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުއްޖާ ނިޔާވީ އެނދާއި ފާރާއި ދޭތެރޭގައި ހުސްކޮށް އޮތް ޖާގައަށް ވެއްޓި ނޭވާ ނުލެވިގެން ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އާއިލާ އިން އެކަން ދޮގު ކުރެއެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ ކުއްލިގޮތަކަށް ކުއްޖަކު ނިޔާވި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ އެހާދިސާ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    ކިހާ ދެރަ.. ބަލާންވި ވަރަށް ނުބެލޭތީ ވާގޮތް މީ..

  2. މުޙައްމަދު ނަޝިދު

    އިނާަ ﷲ ޥައިންނާ އިލައިހި ރާޖިޢޫން
    މާތްﷲ އެތުއްތު ފުރާނަޔައް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރަށްވާށި (އާމީން)