ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުކުރު ހުތުބާ ކުރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ‏ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިމަހުގެ 19 ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގޭ ހުރިހާ ރަށެއްގައި ކިޔާ ހުކުރު ޚުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށެވެ.

ހުކުރު ދުވަހުން ފެށިގެން ހުތުބާ ކުރުކުރުމަށް ނިންމާފައިވަނީ، ރާއްޖެއަށް ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އަޅައި ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ފައްސިވަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ފަހަކަށް އައިސް މި ބަލި ޖެހޭ މީހުންގެ ގައިން އަލާމާތްތައް ފެނި ހާލު ސީރިއަސްވެ، މަރުވާ މީހުންގެ އިންސައްތަވެސް ވަނީ އިތުރުވާން ފަށާފައެވެ.

ހުކުރު ހުތުބާ ކުޑަކުދުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާއިރު، މީގެ ކުރިންވެސް ގިނަ ބަޔަކު އެއްތަންވާ ވަގުތު ކުޑަ ކުރުމަށް ނަމާދު ވަގުތުވެސް ވަނީ ކުޑަ ކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން މާލޭގައި ތިން މަސްވަންދެން ހުކުރު ނަމާދު ކޮށްފައެއް ނުވެއެވެ. އޭގެ ފަހުން ބަލި ފެތުރޭ މިންވަރު ކުޑަވުމުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް ވަނީ ނަމާދު ކުރުން ފަށާފައެވެ.