ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިތުރު 14 ދުވަހަށް ކާފިއު އިއުލާނުކޮށްފި އެވެ.

އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުންް ކުރިން ނެރުނު އެންގުމުގައިވާ ފިޔަވަޅުތައް، މާދަމާ އިން ފެށިގެން، އިތުރު ސާދަ ދުވަހުގެ މުއްދަތަށް އަމަލު ކުރަން އަންގާ ކަމަށް މިއަދު ނެރުނު އެންގުމުގައި ވެއެވެ.

އެގޮތުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައި ވެއެވެ.

އަދި ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލުމަށް އެ އެންގުމުގައި ވެއެވެއެހެންނަމަވެސް ކަސްރަތުކުރުމަށް ކަނޑައަޅައިފައިވާ ޕާކުތަކުގައި އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް އެދިފައި ވެއެވެ.

މީގެ އިތުރުން ޔުނިވަރރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމާއި، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުމަށް އަންގާފައި ވެއެވެ.

މި ފިޔަވަޅުތައް އެޅުމަށް ނިންމާފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެމުން ދާތީ އެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި ފެބްރުއަރީ 12 ވަނަ ދުވަހު އިއުލާނުކޮށްފައިވާގޮތަށް ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް ވެހިކަލް ދުއްވުން މަނާ ގަޑިތައް ކަމަށް ކަނޑައަޅާފައިވާ އޮތް އޮތުމަށް އަމަލު ކުރަމުންދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޫހު

    ކާރފިއު އިޢުލާންކުރަނީ މައިމޫނާތަ